ށ.އަތޮޅުގައި ހިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކުގެ މެނޭޖުމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި


ށ.އަތޮޅުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މެނޭޖުމަންޓް  ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ށ.އަތޮޅުކައުންސިލާއި، މިނސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން ށ.ފުނަދޫ ވިލާކޮލެޖް ލޭކް ސައިޑް ކޭމްޕަހުގައި މިއަދު 9:00 ން 15:00 އަށް ކުރިޔަށްގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރ އަލްއުސްތާޛު ޙުސައިން ރަޝީދުގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އީ.ޕީ.އޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ށ.އަތޮޅު ރަށުކައުންސިލްތަކުގެ ރައީސުންނާއި، ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވަނީ ށ.އަތޮޅުން ޙިމާޔަތް ކުރެވިފައިވާ ތިން ސަރަޙައްދު ކަމުގައިވާ ބޮލިއްސަފަރު، ނާލާހުރާ، ފަރުކޮޅު ފައިދާހުރި ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ. އެގޮތުން އެ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައި ސަރަޙައްދުތަކުގެ މެނޭޖުމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ކުރިޔަށްގެންދެވިފައިވާއިރު މި ދާއިރާއިން ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފައިވެއެވެ.

މި ވޯކްޝޮޕް ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އާއި، ޓީމުގެ ބޭފުޅުންވަނީ ށ. ބޮޑުޅައިމަންދުއަށާއި، ފަރުކޮޅަށް ޒިޔާރަތްކޮށް އެރަށްރަށް ބައްލަވާލައްވާފައެވެ.