logo
fuel terminal

ށ. ޅައިމަގު

މިރަށަކީ މިއަތޮޅުގެ އަތޮޅުވެރިކަން، 1 ޖަނަވަރީ 1968ގައި ފުނަދޫއަށް ބަދަލުވުމުގެ ކުރިން އަތޮޅުގެ ވެރިކަންކުރި ރަށެވެ. މިރަށުގެ ގަބުރުސްތާނުގައި ވަރަށް ދުވަސްވީ، ބޮޑެތި މަހާނަގާ ހުރެއެވެ. އަދި މިސްކިތު ތަރާގަނޑު ކިޔާ ތަނެއް އޮވެއެވެ. ރަށުގައި ބޮޑު 2 ނިކަގަސް ހުރެއެވެ. އަދި މަޝްހޫރު "ޅައިމަގު ފަގީރު" އޮޑިބަނތް ކަމަށް ބުނާ 2 އުސް ފަސްގަނޑުވެސް މިރަށުގައި ފާހަގަކުރެވޭ ތަނެއްގެ ގޮތުގައި ހިމެނެއެވެ.

ރަށުގެ އާބާދީ

846

ޕޯސްޓް ކޯޑު

03110

ބިމުގެ ބޮޑުމިން

43

ޅައިމަގަކީ މިލަދުންމަޑުލު އުތުރުބުރީގެ އިރުދެކުނުން އަތޮޅުގެ އެތެރެވަރީގައި ފުނަދޫގެ ހުނޅަގުން ގާތްގަޑަކަށް 3 މޭލު ހުނޅަގުގައި އޮންނަ ރަށެކެވެ. މިއީ މިލަދުންމަޑުލުކިޔާ ޤުދުރަތީ އަތޮޅުގެ ރަށެކެވެ. ސިޔާސީގޮތުން ށ. އަތޮޅުގެ ރަށެކެވެ. މިރަށާއި މާލެއާއި ދެމެދުގެ ދުރުމިނަކީ ގާތްގަޑަކަށް 130 މޭލުއެވެ. ރަށުގެ ނަންބަރަކީ 280 އެވެ. މިރަށަކީ މެދުފަންތީގެ ރަށަކަށްވާއިރު ރަށުގެ ފަސްގަނޑުގައި ހިސާބަކަށް އަކިރި ހުރެއެވެ. ގިނައިން އޮންނަނީ ވެއްޔެއެވެ. ރަށްވަށައިގެންވެސް ރަށުގެ ދެކުނު ކޮޅުގައިނޫނީ ރީތި ދޮންވެލިގަނޑު އޮންނަ ރަށެކެވެ. މިރަށުގައި މިހާރުވަނީ 2006 ވަނައަހަރު 175×350 ފޫޓުގެ ފަޅެއް ސަރުކާރުން ހައްދަވާދެއްވާފައެވެ. މާލެދަތުރުކުރާ 1 ބޯޓާ، މަސްވެރިކަންކުރާ 1 މަސްދޯންޏާ، 9 ވަދުދޯންޏާ، ކައިރި ރަށްރަށަށް ދަތުރުކުރުމަށްޓަކާ 4 ސްޕީޑްލޯންޗާއި 6 ޑިންގީ އޮންނަ ރަށެކެވެ. މިރަށާ އެންމެކައިރީގައި މީހުންއުޅޭ ރަށަކަށްއޮތީ މިއަތޮޅުގައި ވެރިކަންކުރާރަށް ފުނަދޫއެވެ. މިރަށާ ފުނަދޫއާ ދޭތެރޭހުރީ ގާތްގަޑަކަށް 3 މޭލުއެވެ. މިރަށުގެ ދިގުމިނަކީ ގާތްގަޑަކަށް 2840 ފޫޓެވެ. ފުޅާމިނަކީ 2245 ފޫޓެއެވެ. މީޓަރުންނަމަ ދިގުމިނަކީ 850 މީޓަރެވެ. ފުޅާމިނަކީ 603 މީޓަރއެވެ. ހެކްޓަރއަކީ 43.54 ހެކްޓަރއެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރގެ ނިޔަލަށް ރަށުގެ އާބާދީއަކީ 437 ފިރިހެނުންނާއި 409 އަންހެނުންނެވެ. ރަށުގައި ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. ސްކޫލްގައި ގްރޭޑް 10 ށް ކިޔަވައިދެއެވެ. ކުދިންނަށް ކިޔަވައިދިނުމަށްޓަކާ 22 ދިވެހި މުދައްރިސުންނާ 06 ބޭރުގެ މުދައްރިސުން ތިބެއެވެ. މީގެއިތުރުން ޕްރިންސިޕަލަކާއި 12 އޮފީސް ސްޓާފުން ސްކޫލްގައި ތިބެއެވެ. މީގެއިތުރުން މެޖިސްޓްރޭޓް ކޯޓާއި ޞިއްޙީމަރުކަޒަކާއި އިންޖީނުގެއަކާއި ދެމިސްކިތާއި އޭޖެންސީ ޕޯސްޓްއޮފީހަކާއި ވިޔަފާރިކުރާ 5 ފިހާރައާއި 2 ހޮޓާ މިރަށުގައި ހުރެއެވެ. ދިރިއުޅުމަށްޓަކާ މީހުންކުރާ މައިގަނޑު މަސައްކަތަކީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމާއި މަސްވެރިކަންކުރުމާއި ގޯތިތެރޭގައި ދަނޑުވެރިކަންކުރުމާއި ފަންގިވިނުމެވެ. މިރަށުގެ މީހުން ޢާންމުކޮށް ބޯންބޭނުންކުރަނީ ވާރޭފެނާއި މިނެރަލް ވޯޓަރއެވެ. މިރަށަކީ 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބެމުންދާރަށެކެވެ. ކަރަންޓުގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން ގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.މިރަށަކީ މިއަތޮޅުގެ އަތޮޅުވެރިކަން، 1 ޖަނަވަރީ 1968ގައި ފުނަދޫއަށް ބަދަލުވުމުގެ ކުރިން އަތޮޅުގެ ވެރިކަންކުރި ރަށެވެ. މިރަށުގެ ގަބުރުސްތާނުގައި ވަރަށް ދުވަސްވީ، ބޮޑެތި މަހާނަގާ ހުރެއެވެ. އަދި މިސްކިތު ތަރާގަނޑު ކިޔާ ތަނެއް އޮވެއެވެ. ރަށުގައި ބޮޑު 2 ނިކަގަސް ހުރެއެވެ. އަދި މަޝްހޫރު "ޅައިމަގު ފަގީރު" އޮޑިބަނތް ކަމަށް ބުނާ 2 އުސް ފަސްގަނޑުވެސް މިރަށުގައި ފާހަގަކުރެވޭ ތަނެއްގެ ގޮތުގައި ހިމެނެއެވެ.

ރަޖިސްޓަރޑްދިރިއުޅޭބިދޭސީން

އިތުރު ރަށްތައް