11 ޑިސެމްބަރ 2025
ށ.އަތޮޅު ކައުންސިލްގެ 2025ވަނަ އަހަރުގެ އަހަރީ ހަފުލާ ބާއްވައިފި

ށ.އަތޮޅު ކައުންސިލްގެ 2025ވަނަ އަހަރުގެ އަހަރީ ހަފުލާ، ކުލަގޮދަ ރަސްމިއްޔާތަކާއެކު ފާހަގަކޮށްފިއެވެ. ޑިސެމްބަރ 04 ވަނަ ދުވަހުގެ ރޭ ފުނަދޫ ސްކޫލުގެ ހޯލުގައި ކުރިއަށްގެންދިޔަ މިރަސްމިއްޔާތަކީ ކުރީގެ އަހަރުތަކެކޭވެސް އެއްފަދައިން، އަހަރު ތެރޭގައި ހާޞިލުކުރެވުނު ކާމިޔާބީތައް ފާހަގަކުރުމާއި، ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް، މަސައްކަތު ތާވަލުގައި ހިމަނައިގެން ކުރިއަށްގެންދެވޭ ހަރަކާތެކެވެ.
މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ފުނަދޫ ގައި ހުންނަ މުއައްސަސާތަކުގެ ވެރިންނާއި އަތޮޅު ކައުންސިލުގެ މުވައްޒަފުންނާއި އެ މުއައްޒަފުންގެ އާއިލާތައް ބައިވެރިވިއެވެ. އަހަރުދުވަހުގެ ތެރޭގައި ކައުންސިލުގެ މަސައްކަތުގެ ތެރެއިން ފާހަކޮށްލެވޭ ޚިދުމަތްތައްދޭ މުއައްޒަފުންނާއި އެންމެ ރަނގަޅު ޕާފޯމަންސެއް ދައްކާ މުއައްޒަފުންގެ ފަހަގަކޮށް ހިތްވަރު ދިނުމަށް ބާއްވާ މި ރަސްމިއްޔާތުގައި، މިއަހަރުގެ ތެރޭގައި 100 އިންސައްތަ ޙާޟިރީ ފުރިހަމަކުރި 28 މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމާއއަތޮޅު ކައުންސިލުން ވަކިވި 5 މުވައްޒަފަކަށް ޝުކުރުގެ ލިޔުން ހަވާލުކުރެވުނެވެ.
މިއަހަރު އަތޮޅު ކައުންސިލުގެ ހުރިހާ ގޮތަކުން އެންމެ ރަގަޅު މުއައްޒަފަށްދޭ ލާމަސީލު އެވޯޑު ހާޞިލު ކޮށްފައިވަނީ ސީނިއަރ ކައުންސިލް އޮފިސަރ ޝާމިޔާ ޙަސަން އެވެ. އަހަރުގެ ހީވާގި މުވައްޒަފުގެ މަޤާމަށް ސަޕޯޓް ވޯކަރ ޙަސަން މުޙައްމަދު ހޮވިފައިވެއެވެ މި އަހަރުގެ އެންމެ ހިތްމަތްތެރި މުވައްޒަފުންގެ ގޮތުގައި އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް މަމްދޫޙް ނަސީމްއާއި، ޕްރިންސިޕަލް ފައިނޭންސް އޮފިސަރ އަޙްމަދު ހުމޫދު ވަނީ ހޮވިފައެވެ. އަދި، ޚިދުމަތުގެ އިނާމު ތިން ފަރާތަކަށް ވަނީ ދެވިފައެވެ.

މި ރަސްމިއްޔާތު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ކައުންސިލްގެ ކުރިއެރުމަށް ހީވާގިކަމާއެކު މަސައްކަތްކުރާ، ޙަވާލުކުރެވޭ މަސައްކަތްތައް މުއްދަތުގައި ނިންމާ، ފަންނީ ގޮތުން ކުރިއަރާ، ޤަވާޢިދުތަކާއި އުޞޫލުތަކަށް ބޯލަބާ، ޚިދުމަތުގައި ދެމިހުންނަ އަދި އުފެއްދުންތެރި ޚިޔާލުތައް ހުށަހަޅާ މުވައްޒަފުން ބިނާކުރުމަށް ހިތްވަރުދިނުމެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލުގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކުރުމަކީވެސް މި ރަސްމިއްޔާތުގެ މުހިންމު މަޤްޞަދެކެވެ