13 އޮކްޓޯބަރ 2025
37ވަނަ ޤައުމީ ޤުރުއާން މުބާރާތުން ށ.އަތޮޅަށް ފަޚުރުވެރި ކާމިޔާބީތަކެއް: މުއައްސަސާތަކުގެ ބައިން ށ.އަތޮޅު ކައުންސިލަށް ދެވަނަ ހޯދައިފި

37ވަނަ ޤައުމީ ޤުރުއާންކިޔެވުމުގެ މުބާރާތުގައި ށ.އަތޮޅު ކައުންސިލާއި މިކައުންސިލުން ބައިވެރިކުރި ދަރިވަރުންވަނީ ފާހަގަކޮށްލެވޭ ރަންވަނަތަކެއް ހާސިލުކޮށްފައެވެ. މި ގޮތުން ށ.އަތޮޅު ކައުންސިލުންވަނީ ވަނީ މުޅި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 1ވަނައާއި 2ވަނަ ހޯދާފައެވެ.
މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުގެ ފަޚުރުވެރި 1ވަނަ ހޯދީ މިލަންދޫ ސްކޫލްގެ ދަރިވަރު ޢާއިޝަތު ޝަބާއެވެ. އަދި ކީ ސްޓޭޖް ތަކުގެ ތެރެއިން ކީ ސްޓޭޖް 3އިން ޢާއިޝަތު ޝިފްރާ ޝަފާޒު އަދި ކީ ސްޓޭޖް 5 ގައި ޢާއިޝަތު ޝަބާ ވަނީ 1 ހޯދާފައެވެ. މިދެދަރިވަރުންނަކީވެސް މިލަންދޫ ސްކޫލްގެ ދެދަރިވަރުންކަން ފާހަގަކޮށްލަމެވެ. މީގެއިތުރުން ކީ ސްޓޭޖް 1 ގައި މާއުނގޫދޫ ސްކޫލްގެ މިޝްޢާލް އިބްރާހިމް ޞަލާޙް ނުބަލާ ކިޔެވުމުން 1ވަނަ ހޯދިއިރު، ބަލައިގެން ކިޔެވުމުން ފުނަދޫ ސްކޫލްގެ އައިނާން މުޙައްމަދު އަނީލް ވަނީ 1ވަނަ ހޯދާފައެވެ.
ފަންޑޭޝަން ސްޓޭޖުންއިން ނުބަލާ ކިޔެވުމުގެ 2ވަނަ ޅައިމަގު ސްކޫލްގެ ޢައިނާ އަޙްމަދު ފަހީމް ހޯދިއެވެ. އަދި ކީ ސްޓޭޖް 2 އިން މިލަންދޫ ސްކޫލްގެ ހައުލާ ޢަބްދުލްހަލީލް 3ވަނަ ހޯދިއިރު، ކީ ސްޓޭޖް 5 އިން ހަމަ އެ ސްކޫލްގެ ފާތިމަތު ސިލީން އަޙްމަދު އާތިފް ވަނީ 3ވަނަ ހޯދާފައެވެ.

މިމުބާރާތުގައި އަތޮޅުކައުންސިލާއި، ސިޓީ ކައުންސިލާއި، ސްކޫލްތަކުގެ އިތުރުން ކޮލެޖާއި، ޔުނިވާސިޓީތަކާއި ކްލަބު ޖަމްޢިއްޔާތަކުން 119މުވައްސަސާއެއް ބައިވެރިވެ، 1023ދަރިވަރުންވަނީ މުބާރާތުގައި ކިޔަވާފައެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވުނު ނަތީޖާ އިޢުލާނުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުންނެވެ. މި ރަސްމިއްޔާތުގައި ރަންވަނަތަކަށާއި، ވަނަތައް ހޯދި ފަރާތްތަކަށް ހަނދާނީ ލިޔުމާއި، ފައިސާގެ އިނާމާއި، ޓްރޮފީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލައާއި، އެކި ބާވަތުގެ އިނާމުތައް ދެވުނެވެ. މީގެ ތެރޭގައި ޕީ.އެޗް.ޑީ ސްކޮލަރޝިޕާއި، އެކި މުއައްސަސާތަކުން ދެއްވި ފައިސާގެ އިނާމުތަކާއި، ޢުމްރާ ދަތުރު ހިމެނެއެވެ.