logo

13 އޮކްޓޯބަރ 2025

މިލައުތުރު ފުޓްސަލް މުބާރާތް 2025 :ފެށުމުގެ ރަސްމިއްޔާތު ކަނޑިތީމުގައި ކުލަގަދަކޮށް ފާހަގަކޮށްފި

ށ.އަތޮޅު ކައުންސިލުން  ބާއްވާ މިލައުތުރު  ފުޓްސަލް މުބާރާތް ރަސްމީކޮށް 11 އޮކްޓޫބަރ ( އިއްޔެރޭ ) ކަނޑިތީމު ފުޓްސަލް ދަނޑުގައި ފެށިއްޖެއެވެ. އަތޮޅުގެ 13 ރަށަކުން މި މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާއިރު، މުޅި ށ.އަތޮޅަށް އަންނަ ކުޅިވަރުގެ ޢީދެއްގެ ގޮތުގައި މި މުބާރާތްވެގެންދާނެއެވެ. ކުޅިވަރުގެ ރޫޙާއި، އެއްބައިވަންތަކަމާއި، ރަށްރަށުގެ ފަޚުރުވެރިކަން ފާހަގަކުރުމުގެ ގޮތުން މި ރަސްމިއްޔާތު ވެގެންދިޔައީ، ށ.ކަނޑިތީމު ތާރީޚުގައި ލިޔެވިގެންދިޔަ ކުލަގަދަ ރަސްމިއްޔާތަކަށެވެ.

މުބާރާތުގެ ރަސްމީ ފެށުން އިޢުލާންކުރެވުނީ ކަނޑިތީމުގެ އަނދިރި އުޑު އަލިކޮށްލި ޚާއްސަ ބަޑިބޭހުގެ ކުޅިވަރުތަކާއި އެކުއެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު މައުރޫފް (މާއްޓެ) މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި ކުޅުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގަތީ އަދަބާއި އިޙްތިރާމް ހިފަހައްޓައި، ޓީމު ސްޕިރިޓް ދަމަހައްޓަން ޖެހޭނެކަމަށެވެ. އަދި ޒުވާން ކުޅުންތެރިން ބިނާކުރުމުގައި މިފަދަ ސަރަޙައްދީ މުބާރާތްތަކުގެ ދައުރު މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރަށު ކައުންސިލް މެންބަރުންނާއި، މުޖުތަމަޢުގެ އިސްފަރާތްތަކާއި، އަވަށްޓެރި ރަށްރަށުން ވަޑައިގެންނެވި ސަތޭކައަށްވުރެ ގިނަ ފަރާތްތައް ބައިވެރިވިއެވެ. މުޅި ސަރަޙައްދު ވަނީ ކުލަކުލައިގެ އަލިތަކާއި، ގިޑިގެތަކާއި،  ތަފާތު ވައްތަރުގެ ބޯޑުތަކާއި، އެކިކުލައިގެ ދިދަތަކުން ޒީނަތްތެރިކޮށްފައެވެ.

މިލައުތުރު ފުޓްސަލް މުބާރާތުގައި ށ. އަތޮޅުގެ 13 ރަށެއް ތަމްސީލުކުރާ ޓީމުތައް ފަޚުރުވެރިކަމާއެކު ވާދަކުރެއެވެ. މި މުބާރާތުގައި ޖުމްލަ 22 މެޗު، ކުޅުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވާ ޓީމުތައް ވަނީ 4 ގްރޫޕަކަށް ބަހާލެވިފައެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 2025 އޮކްޓޯބަރު 21ވާ އަންގާރަދުވަހުއެވެ.

މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، ރަށްރަށުގެ މެދުގައި އޮންނަ އެކުވެރިކަން އިތުރަށް ބަދަހިކުރުމާއި، ރަށްރަށުގައި ތިބި ހުނަރުވެރިންނަށް ފުރުޞަތު ފަހިކޮށްދިނުމާއި، ކުޅިވަރުގެ ޒަރީޢާއިން މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅިވަރުގެ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭ، އަތޮޅުގެ އިޖްތިމާޢީ ގުޅުންތައް ބަދަހިކޮށް، ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، މުޖުތަމަޢުގެ އެއްބައިވަންތަކަން އާލާކުރުމަށް މަގުފަހިކުރާނެ މުހިންމު ހަރަކާތެއް ކަމުގައި ފާހަގަކުރެވެއެވެ.