ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސް ފެށިއްޖެ.


ށ.އަތޮޅުކައުންސިލްގެ ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މިއަހަރު ހިންގުމަށް ބަޖެޓްކުރެވިފައިވާ ކޯސްތަކުގެ ތެރެއިން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސް ރޭ ފެށިއްޖެއެވެ.

ށ.އަތޮޅުކައުންސިލާއި، މައި ކޮލެޖާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކުރިޔަށްގެންދާ މި ކޯހަކީ އަތޮޅުކައުންސިލާއި، ށ.އަތޮޅުގެ ކައުންސިލްތަކާއި، ސަރުކާރުގެ މުއްސަސާތަކާއި، ޢާއްމު ފަރުދުންނަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ކޯހެކެވެ. މި ކޯހުގައި އަތޮޅުކައުންސިލާއި، ރަށުކައުންސިލްތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ޢާއްމު ފަރުދުންނާއެކު ޖުމުލަ 25 ފަރާތުން ބައިވެރިވެފައިވެއެވެ.

މި ކޯހުގެ ބައިވެރިންނަށް އަތޮޅުކައުންސިލްގެ ކިޔެވެނި އެހީގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ށ.ފުނަދޫ އަތޮޅުވެހި 2 ގައި ކުރިޔަށްދާ މިކޯހަކީ ށ.އަތޮޅުގެ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންގެ ފެންވަރުމަތިކުރުމަށާއި، މުވައްޒަފުން ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވޭ ކޯހެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.