30 ސެޕްޓެމްބަރ 2025
މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުނެގުމާއި، މުބާރާތް ހޯސްޓްކުރުމުގެ ފަހުމުނާމާގައި ސޮއިކުރުން ބާއްވައިފި

މި އަހަރު ށ.އަތޮޅުކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުނެގުމާއި، އެ މުބާރާތް ހޯސްޓްކުރުމުގެ ފަހުމުނާމާގައި ސޮއިކުރުން 2025 ސެޕްޓެންބަރު 25 ވީ ބުރާސްފަތި ދުވަހުގެ 11:50 ގައި ނޫމަރާ ކައުންސިލް އިދާރާގައި ބާއްވައިފިއެވެ.
މުބާރާތުގެ ބައެއް ކަންކަން ނިންމުމަށާއި، ހޯސްޓްކުރާ ރަށް ކަމުގައިވާ ކަނޑިތީމު ކައުންސިލާއެކު އެ މުބާރާތް ހޯސްޓްކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމާއި، ގުރޫޕްތަކަށް ޓީމުތައް ބެހުމަށް ގުރުއަތު ނެގުމަށް ޚާއްޞަކޮށްގެން ބޭއްވުނު ބައްދަލުވުމުގައި އެ ފަހުމުނާމާގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. ކަނޑިތީމު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކަނޑިތީމު ކައުންސިލުގެ ރައީސް އަޙްމަދު އަޚްސަންއެވެ. ކަނޑިތީމުގައި ހޯސްޓްކުރާ ގޮތަށް ހަމަޖެހިފައިވުމާއެކު ގްރޫޕް ބީގެ 1 ކަނޑިތީމަށް ދިނުމަށް ބައްދަލުވުމުގެ އަޣްލަބިއްޔަތުން ނިންމަވާފައިވާއިރު މުބާރާތް 4 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދިއުމަށް ގްރޫޕުތަކަށް ޓީމުތައް ބެހުމަށް 12 ރަށުގެ މެދުގައި ގުރުއަތު ނެގުން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ކުރިޔަށްގެންދެވިއެވެ.
ގްރޫޕް A1 ނޫމަރާ،ގުރޫޕް A2 ފޭދޫ، A3 ބިލެތްފަހި ނެގުނު އިރު A4 ގޮއިދޫއަށް ނެގިފައިވެއެވެ. އަދި ގްރޫޕް B2 ފީވައް، B3 ކޮމަންޑޫއަށް ނެގިފައިވާއިރު C1 މާއުނގޫދޫ އަށް، C2 މިލަންދުއަށް އަދި C3 ފުނަދުއަށް ނެގިފައިވެއެވެ. ހަމައެއާއެކު D1 ފޯކައިދޫ، D2 މަރޮށި، އަދި D3 ނެގިފައިވަނީ ނަރުދޫއަށެވެ.

ކަނޑިތީމު ކައުންސިލާއި، އަތޮޅު ކައުންސިލާދެމެދު މިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓްކުރުމަށް މިއަދު ސޮއިކުރެވުނު މި ފަހުމުނާމާގެ ބޭނުމަކީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން މުބާރާތް ބާއްވާ މަޤްޞަދުތައް އެންމެމަތީ ދަރަޖައަށް ޙާޞިލުކުރުމާއި، މުބާރާތުގެ އެންމެހާ އިންތިޒާމުތައް ހުރިހާ ޓީމުތަކަށް ލުއިފަސޭހަ ނިޒާމެއްގެ ދަށުން ހަމަޖައްސައިދިނުމާއި، ހަމަހަމަކަމާއެކު ހާމަކަންބޮޑު ގޮތެއްގައި މުބާރާތް ބޭއްވުމަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް މުބާރާތް ކުރިޔަށްގެންދިއުމެވެ. ހަމައެއާއެކު މި ފަހުމުނާމާއަކީ މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު ކަނޑިތީމު ކައުންސިލަށް ދިނުމަށް ނިންމައި ދެ ކައުންސިލް ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިލަ އުތުރު ފުޓްސަލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 11 އިން 21 އަށް ށ.ކަނޑިތީމުގައެވެ. މުބާރާތުގެ ޝެޑިއުލް މިހާރުވަނީ ށ.އަތޮޅުކައުންސިލުގެ ފޭސްބުކް ޕޭޖުގައި ޢާއްމުކުރައްވާފައެވެ.
