logo

25 ސެޕްޓެމްބަރ 2025

ށ.އަތޮޅު މަދަނީ މަސައްކަތްތެރިންގެ ފޯރަމް ށ.ފުނަދޫގައި ކުރިއަށް ގެންގޮސްފި

ށ.އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތައް އެކުގައި އިސްނަގައިގެން ބޭއްވި މަސައްކަތްތެރިންގެ ފޯރަމް ވަނީ ނިމުމަކަށް އައިސްފައެވެ. މި ފޯރަމް ބޭއްވުނީ ފުނަދޫ ދަށްފަޅުމާލަމުގައި ސެޕްޓެމްބަރ 22 އާއި 23 އާ ދެމެދުގައެވެ. މި ފޯރަމްގައި އަތޮޅު ކައުންސިލާއި 13 ރަށު ކައުންސިލުން ޖުމްލަ 46 ފަރާތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޯރަމްގެ މައިގަނޑު އަމާޒަކީ އަތޮޅުގެ ރަށު ކައުންސިލްތަކުގެ މަސައްކަތްތައް ވަރުގަދަކޮށް، ފެންވަރު މަތިކުރުމެވެ. ޚާއްޞަކޮށް ކައުންސިލްތަކަށް އަލަށް ވަޒީފާއަށް ގުޅުނު މުވައްޒަފުންނަށް އަމާޒުކޮށްގެން 2 ދުވަހުގެ މުއްދަތަށް މި ފޯރަމް ކުރިއަށް ގެންދެވުނެވެ.

ފޯރަމްގައި ބައިވެރިންނަށް ސިވިލް ސަރވިސްގެ ސުލޫކީ މިންގަނޑާއި، އިދާރީ ހިންގުމުގައި މުވައްޒަފުންގެ ޒިންމާތަކާއި، މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރާނެ ގޮތްތަކާއި، މަސައްކަތު ފެންވަރު ވަޒަންކުރުމުގެ ނިޒާމާ ބެހޭ މަޢުލޫމާތު ދެވުނެވެ. އަދި އިތުރުގަޑީގެ މަސައްކަތްތަކާއި، އަތޮޅު ކައުންސިލުން ބަލަހައްޓާ ދަފްތަރުތަކަށް މަޢުލޫމާތު ތައްޔާރުކުރާނެ ގޮތާއި، ޕްރޮކިއުމެންޓްގެ އުސޫލުތަކާ ބެހޭ މުހިންމު މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ. ބައިވެރިންގެ ނަޒަރުގައި މި ފޯރަމަކީ ށ.އަތޮޅުގެ ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ