logo

03 ސެޕްޓެމްބަރ 2025

އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެވޯޑް ދީފި

ށ. އަތޮޅުން 2024 ވަނަ އަހަރުގެ އެންމެ ހިންގުންތެރި ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިޢުލާނުކޮށް، އެ ކޮމެޓީތަކަށް ށ. އަތޮޅު ކައުންސިލުން ދޭ މާރެސް އެވޯޑު ދީފިއެވެ.  އަތޮޅު ފެންވަރުގައި ގައުމީ ދުވަސް  ފާހަގަކުރުމަށް 30 ސެޕްޓެމްބަރ 2025ވީ ހޮނިހިރު ދުވަހު ށ. ބިލެތްފަހީ ސްކޫލުގައި ބޭއްވުނު ޚާއްޞަ ޖަލްސާގައި ތިންވަނަ އަދި ދެވަނަ ދަރަޖަ ޙާޞިލުކުރި ކޮމެޓީތަކަށް އެވޯޑު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާއެވެ. މާރެސް އެވޯޑުގެ ތިންވަނަ ދަރަޖަ ޙާޞިލުކޮށްފައިވަނީ ށ. ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ. އަދި ދެވަނަ ދަރަޖަ ޙާޞިލުކޮށްފައިވަނީ ށ. ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އެވެ. 

2024ވަނަ އަހަރު ފަޚުރުވެރި އެއްވަނަ ޙާޞިލުކުރި ކޮމެޓީއަށް އެވޯޑު ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އަލްފާޟިލް އާދަމް ޝަރީފް ޢުމަރެވެ. އެއްވަނަ ހާޞިލުކޮށްފައިވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއެވެ. މާރެސް އެވޯޑަށް ވާދަކުރުމަށް ހުޅުވާލެވުނު މުއްދަތުގައި އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 9 ކޮމެޓީއަކުން އެވޯޑަށް ވާދަކޮށް އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.   

މި އެވޯޑް ތަޢާރަފް ކުރެވުނު މައިގަނޑު މަޤްޞަދު ތަކުގެ ތެރޭގައި،  ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ޤާނޫނީ ޒިންމާއާއި، ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ހިތްވަރުދިނުމާއި، ބަދަހި އިޖުތިމާޢީ ގުޅުމެއް ޤާއިމުކުރުމަށް ހިތްވަރުދިނުމާއި، ހިންގުމުގެ ދާއިރާއިން ކޮމެޓީތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ވިލުންވެރި މުޖުތަމަޢަކަށް އަންހެނުންގެ ދައުރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ތަޢާރަފްކުރެވުނު އެވޯޑެކެވެ. ށ.އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އަގުވަޒަންކުރުމުގެ އުޞޫލުގެ ދަށުން ކޮންމެ އަހަރަކު ވެސް ދިނުމަށް ކަނޑައެޅިފައިވާ އެވޯޑެކެވެ. 

2023 ވަނަ އަހަރު މާރެސް އެވޯޑު  ހާސިލުކުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ 1 ވަނަ ކަނޑިތީމް، 2 ވަނަ ނަރުދޫ، 3 ވަނަ ގޮއިދޫ އެވެ.