logo

19 އޯގަސްޓް 2025

. މިލައުތުރު ފުޓްސަލް މުބާރާތް 2025: ރަޖިސްޓްރޭޝަން ހުޅުވާލައިފި

މިލައުތުރު ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ރަސްމީކޮށް ހުޅުވާލައިފިއެވެ. މިފަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑިތީމުގައެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު އިންތިޒާމްކުރާ މިލައުތުރު ފުޓްސަލް މުބާރާތަކީ، ރަށްރަށުގެ ޓީމުތައް އެއްތަނަކަށް ޖަމާކޮށް، އެއްބައިވަންތަކަން އުފެއްދުމާއި، ކުޅުންތެރިންގެ ހުނަރު އިތުރުކުރުމާއި، ގައުމީ ފެންވަރަށް އެތުލީޓުން ތައްޔާރުކުރުމުގެ މަގުސަދުގައި ބާއްވާ ޝަރަފުވެރި މުބާރާތެކެވެ. މި މުބާރާތަކީ ވާދަވެރިކަމާއި ކުޅިވަރުގެ ރޫހުގެ މުއްސަނދި ތާރީހެއް އޮތް މުބާރާތެކެވެ. މިލައުތުރު މުބާރާތުގެފުރަތަމަ ޗެމްޕިއަންކަން ހޯދީ ފުނަދޫ އެފްސީއެވެ.  އަދި އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަނޑިތީމު އެފްސީއެވެ.

މި މުބާރާތުގައި ކޮންމެ ރަށަކުން އެއް ޓީމަށް ބައިވެރިވެވޭނެއެވެ. ރަޖިސްޓްރޭޝަން ފުރިހަމަ ކުރަންވާނީ އެފަރާތެއްގެ ރަށު ކައުންސިލް މެދުވެރިކޮށް، ރަސްމީ ފޯމު ހުށަހަޅައިގެންނެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ 21 އޮގަސްޓް 2025 އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35,000/- (ތިރީސް ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅު ކައުންސިލުން ވަނީ، މި މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ރަށެއްގެ ޓީމުތަކަށް ހިތްވަރުދީފައެވެ. އަދި ކުޅިވަރުގެ ރޫހުގެ ތެރެއިން މުޖުތަމައުތައް އެއްބައިވަންތަކުރާ މި ފޯރިގަދަ ހަރަކާތަށް އެހީތެރިވުމަށް އާންމުންވެސް ބައިވެރިވުމަށް އަތޮޅު ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.