09 އޯގަސްޓް 2025
ށ.އަތޮޅު ޤުރުއާން މުބާރާތް 2025 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މި އޯގަސްޓް 7 އިން 9 އަށް ފުނަދޫގައި ކުރިޔަށްގެންދެވުނު ށ.އަތޮޅު ޤުރުއާން މުބާރާތް 2025 ގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ށ.އަތޮޅު ރަށްރަށުގެ ސްކޫލުތަކަށް ފުރުޞަތު ހުޅުވާލައިގެން ބޭއްވުނު މި މުބާރާތުގައި 12 ސްކޫލަކުން ބައިވެރިވެ 124 ދަރިވަރުން ކިޔަވާފައިވެއެވެ. ބައިވެރިވި ސްކޫލުތަކުގެ ތެރޭގައި ށ.އަތޮޅުމަދަރުސާ އާއި، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހީ، ފޯކައިދޫ، ނަރުދޫ، ޅައިމަގު، މާއުނގޫދޫ، ފުނަދޫ، މިލަންދޫ ސްކޫލާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނެއެވެ. މުބާރާތުގައި ސްކޫލުތަކުން ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް 1، 2، 3، 4، 5 ގެ ދަރިވަރުންގެ މެދުގައި ހިތުން ކިޔެވުމުގެ ގޮފިންނާއި، ބަލައިގެން ކިޔެވުމުގެ ގޮފިން ވާދަކުރެވިފައިވެއެވެ.

2025 އޯގަސްޓް 9ވަނަ ދުވަހުގެ ހެނދުނު 10:30ގައި ފުނަދޫ ސްކޫލުގެ މަލްޓިޕާރޕަސް ހޯލުގައި ބޭއްވުނު މި މުބާރާތް، ކީރިތި ޤުރުއާނުގެ މޫރިތި އާޔަތުން ފައްޓަވައިދެއްވީ މިލަންދޫ ސްކޫލުގެ ޤުރުއާންޓީޗަރ އަޙްމަދު ފިރާޤެވެ. މަރުޙަބާދެންނެވުމާއި، ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ރީތިކޮށް ޤުރުއާން ކިޔެވުމުގެ ބޭނުމާއި، މުހިންމުކަމުގެ މައްޗަށާއި، ޤުރުއާން ޢިލްމަށް އަހުލުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މުބާރާތުގެ ފައުންޑޭޝަން ސްޓޭޖުގެ ހިތުން ކިޔެވުމުގެ ގޮފިން 1ވަނަ އަތޮޅު މަދަރުސާގެ ހާޖަރު ބިންތު ޢަލީ ޢަޛީން، އަދި ދެވަނަ ޅައިމަގު ސްކޫލުގެ ޢައިނާ އަޙްމަދު ފަހީމް ހޯދާފައިވާއިރު، ތިންވަނަ ހޯދާފައިވަނީ ގޮއިދޫ ސްކޫލުގެ ދަރިވަރު ޔައިލް ޢަބްދުﷲ ބަޞީރެވެ. އަދި މި ސްޓޭޖުން ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ މާއުނގޫދޫ ސްކޫލުގެ ދަރިވަރު އިރަމް އާދަމް މުޙައްމަދު ޙާޞިލުކޮށްފައިވާއިރު، 2ވަނަ ޙާޞިލުކޮށްފައިވަނީ ފޯކައިދޫ ސްކޫލުގެ ދަރިވަރު މަރްޔަމް ޢަލީއެވެ. އަދި 3ވަނަ ޙާޞިލުކޮށްފައި ވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު އީރާ މުޙައްމަދު ޝާހިދެވެ. ކީ ސްޓޭޖް 1 އިން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ މިލަންދޫ ސްކޫލުގެ އާމިނަތު ކުރޫމް މުޙައްމަދު ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލު ޢައިނާ މުޙައްމަދު އަނީލްއެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން 2ވަނަ މާއުނގޫދޫ ސްކޫލުގެ މިޝްޢާލް އިބްރާހީމް ޞަލާޙް ޙާޞިލުކޮށްފައިވާއިރު މި ޢުމުރުފުރާއިން 3ވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ޒޯހާއެވެ. ކީ ސްޓޭޖް 2 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 2ވަނަ ފޯކައިދޫ ސްކޫލުގެ ދަރިވަރު އުބައްޔު ބިން އަޙްމަދު ހޯދާފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު އީރަމް އާދަމް ނަސީމެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން މިލަންދޫ ސްކޫލުގެ ދަރިވަރު ޙައުލާ ޢަބްދުލްޚަލީލު 2ވަނަ ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ފޭދޫ ސްކޫލުގެ ދަރިވަރު ބިލާލް ބިން ޢަބްދުﷲ ރަޝީދެވެ. ކީ ސްޓޭޖު 3 ން ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ށ. ފޭދޫ ސްކޫލުގެ ދަރިވަރު އީލާފް ބިން ޢަބްދުﷲ ރަޝީދު ޙާޞިލުކޮށްފައިވާއިރު ދެވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ހަނާން ރަޝީދު ޙާޞިލުކޮށްފައިވެއެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ގޮއިދޫ ސްކޫލުގެ ދަރިވަރު މުޙައްމަދު އާހިލް އަޙްމަދެވެ. މި ޢުމުރުފުރާގެ ހިތުން ކިޔެވުމުގެ ގޮފިން އަތޮޅު މަދަރުސާގެ ދަރިވަރު މަރްޔަމް ނާހީ މުޙައްމަދު ޙާޞިލުކޮށްފައިވާއިރު 2ވަނަ ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ޢާއިޝަތު ޝިރްފާ ޝަފާޛެވެ. ކީ ސްޓޭޖް 4ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ސިޒާ މުޙައްމަދު ޙާޞިލުކޮށްފައިވާއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ އެ ސްކޫލުގެ ޢާއިޝަތު އައިނީ ޝިފާޢުއެވެ. އަދި ތިންވަނަ ޙާޞިލުކޮށްފައިވަނީ ފުނަދޫ ސްކޫލުގެ ދަރިވަރު ފާޠިމަތު ޔަޝްމީ ފާއިޒެވެ. އެ ޢުމުރުފުރާއިން ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ޙާޞިލުކޮށްފައިވަނީ މިލަންދޫ ސްކޫލުގެ ފާޠިމަތު ސިލީން އަޙްމަދު ޢާޠިފެވެ. އަދި ދެވަނަ ފޯކައިދޫ ސްކޫލުގެ ދަރިވަރު ހަދާޔާ ބިންތު މުޙައްމަދު ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ ޔޫސުފް ބިން އަޙްމަދު މުފީދެވެ. ކީ ސްޓޭޖް 5 ގެ ބަލައިގެން ކިޔެވުމުގެ ގޮފިން 2ވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ރައިޝާ ރަޝީދު ޙާޞިލުކޮށްފައިވާއިރު 3ވަނަ ޙާޞިލުކޮށްފައިވަނީ އެ ސްކޫލުގެ ދަރިވަރު މުޙައްމަދު ޝުޖުޢާން ޙަސަނެވެ. މި ޢުމުރުފުރާއިން ހިތުން ކިޔެވުމުގެ ގޮފިން މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޞަބާ ޙާޞިލުކޮށްފައިވެއެވެ. މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން ފަޚުރުވެރި އެއްވަނަ ށ.މިލަންދޫ ސްކޫލުގެ ދަރިވަރު އާމިނަތު ސިޒާ މުޙައްމަދު ޙާޞިލުކޮށްފައިވާއިރު ދެވަނަ ފޭދޫ ސްކޫލުގެ ދަރިވަރު އީލާފް ބިން ޢަބްދުﷲ ރަޝީދު އަދި ތިންވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ހަނާން ރަޝީދު ޙާޞިލުކޮށްފައިވެއެވެ. މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ފަޚުރުވެރި އެއްވަނަ މިލަންދޫ ސްކޫލުގެ ދަރިވަރު ފާޠިމަތު ސިލީން އަޙްމަދު ޢާޠިފް ޙާޞިލުކޮށްފައިވާއިރު ދެވަނަ ޙާޞިލުކޮށްފައިވަނީ އެ ސްކޫލުގެ ދަރިވަރު ޢާއިޝަތު ޞަބާއެވެ. އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ށ.އަތޮޅު މަދަރުސާގެ ދަރިވަރު މަރްޔަމް ނާހީ މުޙައްމަދެވެ. މުބާރާތުގެ 1ވަނަ ސްކޫލުގެ ގޮތުގައި މިލަންދޫ ސްކޫލް، 2ވަނަ ޓީމުގެ ގޮތުގައި އަތޮޅުމަދަރުސާ ހޮވިފައިވާއިރު 3ވަނަ އަށް ހޮވިފައި ފޭދޫ ސްކޫލެވެ.

ސިލްސިލާކޮށް އަހަރަކު އެއްފަހަރު ބޭއްވެމުންދާ މި މުބާރާތަކީ އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމަށާއި، ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމަށާއި، ޤައުމީ މުބާރާތަށް ބޭނުންވާ ބައިވެރިން އުފެއްދުމަށާއި، ޤައުމީ މުބާރާތުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލް ޓީމެއް އެކުލަވާލުމަށާއި، އަތޮޅު ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އަށަގެންނެވުމަށާއި، ޤާރީންނާއި ޙާފިޡުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރުދިނުމަށާއި، ސޫލްތަކުގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމްކުރުމުގެ މަޤްޞަދުގައި ރަށްރަށުގެ ސްކޫލުތަކާއި، ކައުންސިލުތަކާ ގުޅިގެން އަތޮޅުކައުންސިލުން ކުރިޔަށްގެންދާ މުބާރާތެކެވެ.