logo

03 ޖުލައި 2025

ށ. އަތޮޅުގައި ފެނުމުގަ ނުކުޅަދުންތެރިކަން ހުންނަ ކުދިންގެ ޖަމްޢިއްޔާއިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ފެނުމުގަ ނުކުޅަދުންތެރިކަން ހުންނަ ކުދިންގެ ޖަމްޢިއްޔާއިން، ށ. އަތޮޅުގެ ހަތަރު ރަށެއްގައި ހޭލުންތެރި ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް މިދިޔަ ޖޫން މަހުގެ 29 އިން ފެށިގެން ޖުލައި 03 ގެ ނިޔަލަށް ހިންގައިފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުންނާއި އިދާރާތަކުން ސަމާލުކަން ދޭންވީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ދަތުރުގައި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އާންމު މެންބަރުންގެ ތެރެއިން ޖުމްލަ 8 ފަރާތަކުން ބައިވެރިވެފައިވެއެވެ. ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ށ. ކޮމަންޑޫ، ށ. ކަނޑިތީމް، ށ. މިލަންދޫ އަދި ށ. ފުނަދޫގައެވެ.

ކޮންމެ ރަށެއްގައި ވެސް ދެ ސެޝަން ކުރިއަށް ގެންދެވުނެވެ. އެއީ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޭއްވުނު ސެޝަނަކާއި، އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވުނު ސެޝަނެކެވެ. މި ޕްރޮގްރާމްތަކުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚިދުމަތް ދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، އޮފީސްތަކުގެ އިންތިޒާމްތައް އެފަދަ ކުދިންނަށް ފަސޭހަވާނެ ގޮތަކަށް ހަމަޖެހިފައި ހުންނަންޖެހޭ ގޮތްގޮތާ ބެހޭގޮތުން މުހިއްމު މަޢުލޫމާތުތައް ދެވިފައިވެއެވެ.

މި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް އަތޮޅުގައި ކުރިއަށް ގެންދިއުމުގައި ސެޝަން ކުރިއަށް ގެންދިޔަ ރަށްރަށުގެ ކައުންސިލުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާކަން ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.