01 ޖުލައި 2025
ށ.އަތޮޅު ދަރުސް ޕްރޮގްރާމު ކާމިޔާބު ކަމާއެކު ނިންމާލައިފި

ށ.އަތޮޅުކައުންސިލުގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށްގެންދެވުނު ދީނީ ދަރުސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ޖޫން މަހުގެ 24 އިން 29 އަށް މުޅިއަތޮޅަށް އަމާޒުކޮށްގެން ކުރިޔަށްގެންދެވުނު މި ޕްރޮގްރާމުގައި ދީނީ ދަރުސް ދެއްވީ ބ.ހިތާދޫ ވާދީ އައްޝައިޚް ޢާޒިމް ޚާލިދެވެ.
ށ.އަތޮޅު ރަށްރަށުގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވުނު މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ދަރުސް ބިނާކުރައްވާފައިވަނީ ނަމާދުގެ މުހިންމުކަމާއި ނަމާދަށް ރައްކާތެރިވުމުގެ މުހިންމު ކަމާގުޅޭގޮތުންނެވެ.
މި ޕްރޮގްރާމު ނިންމުމުގެ ގޮތުން މި އަދު ބޭއްވުނު ބައްދަލުވުމުގައި އަތޮޅުކައުންސިލުގެ ފަރާތުން ހަނދާނީ ފިލައެއް ޢާޒިމް ޚާލިދުއަށް ވަނީ ޙަވާލުކުރައްވާފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ.

ށ.އަތޮޅުކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ށ.އަތޮޅުގެ ރަށުކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިޔަށްގެންދެވުނު މި ދަރުސް ޕްރޮގްރާމަށް ރަށްރަށުން ވަރަށްބޮޑަށް މަރުޙަބާކިޔާފައިވާ ކަމަށާއި، މި ދަރުސްތައް އަޑު އެހުމަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ށ.އަތޮޅު ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މި ޕްރޮގްރާމަކީ ކޮންމެ އަހަރަކު ވެސް އަތޮޅުކައުންސިލުން ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށް އެ ކައުންސިލުން ހާމަކުރައްވައެވެ.