08 މެއި 2025
މުވައްޒަފުންގެ ހުނަރާއި، ޤާބިލުކަން އިތުރުކޮށް، ފެންވަރުމަތިކުރުމުގެ ޕްރޮގްރާމު ހިންގުމަށް ށ.އަތޮޅު ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ށ.އަތޮޅު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް ފުޅާކޮށް މުވައްޒަފުންގެ ހުނަރާއި، ޤާއިބިއްޔަތު އިތުރުކުރުމާއެކު ޚިދުމަތުގެ ފެންވަރުމަތިކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން ށ.އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫ އާއި އެން.އައި.ސީ.ޔޫގައި މަސައްކަތްކުރާނެ ޤާބިލު މުވައްޒަފުން ބިނާކުރުމަށް ށ.އަތޮޅު ކައުންސިލާއި، އަތޮޅު ހޮސްޕިޓަލާއެކު ވެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މެންދުރުފަހު 13:40 ގައި ށ.އަތޮޅު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ބައްދަލުވުމުގައި ށ.އަތޮޅުކައުންސިލުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ. އެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ފާއިޒެވެ.
މި ޕްރޮގްރާމު ހިންގުމުގެ މަޤްޞަދަކީ ށ.އަތޮޅުހޮސްޕިޓަލުން އައި.ސީ.ޔޫ، އެން.އައި.ސީ.ޔޫގެ ޚިދުމަތް ލިބިދިނުމަށް ފުރުޞަތު ފަހިކޮށްދިނުމާއި، ޚިދުމަތުގައި ދެމިތިއްބެވި މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި، ޤާބިލުކަން އިތުރުކުރުމާއި، އައު ޓެކްނޮލޮޖީ އާއި، ވަޞީލަތްތައް އިތުރުކޮށް މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމާއި، ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރުލިބިދިނުމާއި، މަސައްކަތުގެ ޔަޤީންކަން އިތުރުކުރުމާއި، އަމިއްލައަށް އުނގެނުމަށް ހިތްވަރުދީ ދާއިރާއިން ކުރިޔަށްދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ބައްދަލުވުމުގައި އަތޮޅު ރަށްރަށުގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނާއި، އަތޮޅުރައްޔިތުންނަށް ދޭ ޚިދުމަތް ފުޅާކުރުމަށް އަތޮޅު ހޮސްޕިޓަލަށް މިވަގުތަށް ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.