logo

06 މެއި 2025

ދ.އަތޮޅުކައުންސިލުގެ ޓީމު ށ.އަތޮޅުކައުންސިލް އިދާރާއަށް ޒިޔާރަތްކޮށްފި

ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލުގެ އިދާރީ މުވައްޒަފުން އުތުރުގެ ބައެއް އަތޮޅުކައުންސިލްތަކަށާއި، ބައެއް ރަށު ކައުންސިލްތަކަށް ކުރާ ތަޖުރިބާ ދަތުރެއްގައި 2025 މެއި 1ވަނަ ދުވަހު ށ.އަތޮޅުކައުންސިލް އިދާރާއަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތްކުރެއްވުމުގައި ދ. އަތޮޅު ކައުންސިލް އިދާރާގެ އިދާރީ ޓީމުން އެ ދުވަހުގެ 14:25 ގައި ށ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނާއެކު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އިދާރީ ކަންކަން ހިންގުމުގައި ދެ ކައުންސިލް ދެމެދުގައި ތަޖުރިބާ ހިއްސާކުރުމެވެ. އެގޮތުން ދެ ކައުންސިލް އިދާރާގެ ދެމެދުގައި އިދާރީ ކަންކަން ހިންގުމުގައި ހުރި ތަފާތުތައް ދެނެގަތުމާއި، ޕްރޮގްރާމުތައް ހިންގުމުގައި ދިމާވާ ގޮތުންޖެހުންތަކާއި، ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމުގައި ޢަމަލުކުރާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އޭގެ އިތުރުން އަތޮޅުކައުންސިލުގެ ޓީމުން ވަނީ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންނާއި، މުވައްޒަފުންގެ ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ.  މި ބައްދަލުވުމަށްފަހު ށ.އަތޮޅުކައުންސިލުގެ ހިންގުމުގެ ޢަމަލީ ތަޖުރިބާ ހޯދުމަށް އިދާރާގެ ޔުނިޓުތަކަށް ޒިޔާރަތްކޮށް ވަކިވަކި މުވައްޒަފުންނާ،އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން ސުވާލުކުރައްވައި ވަނީ ތަޖުރިބާ ހިއްސާކުރައްވާފައެވެ. 

 

މި ޓީމުގައި އެ ކައުންސިލް އިދާރާގެ ސެކްރެޓަރީޖެނެރަލް ޢަބްދުއްރަޝީދު ޢަބްދުއްރައްޒާޤާއި، ކައުންސިލް މެންބަރު ޖާދުﷲ ޙަމީދުގެ އިތުރުން 19 އިދާރީ މުވައްޒަފުން ހިމެނެއެވެ.