logo

27 ފެބްރުއަރީ 2025

ށ.އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް އިމިގްރޭޝަނުން ށ.އަތޮޅަށް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށްޓަކައި އެ މުއައްސަސާގެ އޮފީހެއް ށ.އަތޮޅުކައުންސިލުގައި ހުޅުވައިފިއެވެ.

މި މަހުގެ 25 ވީ އަންގާރަ ދުވަހުގެ 13:36ގައި ބޭއްވުނު މި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަން ށ.ފުނަދޫ އޮފީހުގެ ޚިދުމަތް ފެށުމުގެ ގޮތުން ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ކޮންޓްރޯލަރޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދެވެ.  

މި ޚިދުމަތް ފައްޓަވައިދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމުގެ ވާހަކަފުޅުގައި މިއީ އަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑު ލުޔެއް ލިބިގެންދިޔަ ޚިދުމަތެއް ކަމުގައި ފާހަގަކުރައްވައި، ކައިރި މުސްތަޤުބަލެއްގައި ވިސާގެ ޚިދުމަތް ފެށޭތޯ ވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ ވާހަކަފުޅުގައި މި ކަމަކީ 2025ވަނަ އަހަރު ނިމުމުގެކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުގެ ތެރެއިން ދެވޭ ޚިދުމަތެއް ކަމަށާއި، އެގޮތުން ފުނަދުއަކީ މި ޚިދުމަތްދެވޭ ފުރަތަމަ އަތޮޅުތަކުގެ ތެރެއިން އަތޮޅެއްކަމަށް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން ގާޢިމުކުރެވުނު މި ޚިދުމަތް ފެށުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ފުނަދޫގެ މުއައްސާތަކުގެ އިސްވެރިންނާއި، ށ.އަތޮޅުކައުންސިލް އިދާރާގެ އިސް މުވައްޒަފުން އަދި އިމިގްރޭޝަންގެ ޓީމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.