20 ފެބްރުއަރީ 2025
ޑޮކްޓަރ ޢާއިޝަތު ޝިހާމް ށ.އަތޮޅުކައުންސިލާ ބައްދަލުކުރައްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ށ.އަތޮޅުކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި މަހުގެ 18ވަނަ ދުވަހުގެ މެންދުރުފަހު ށ.އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންލައިންކޮށް ބޭއްވުނު މި ބައްދަލުވުމުގައި ށ.އަތޮޅުގައި އިފްތިތާޙުކުރެވޭ ޙާލު ކިހިނެއް ޕްރޮގްރާމާ ގުޅޭގޮތުން އެކަމަނާ ވަނީ މެންބަރުންނަށް މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އޭގެއިތުރުން އިބަމަ ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރޭގައި ށ.އަތޮޅު ވެސް ހިމަނައި، މިއަތޮޅުގެ ހުރިހާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފާހަގަކުރެވި އެމީހުންނަށް ބޭނުންވާ ތަފާތު ވައްތަރުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިފައިވާ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ށ.އަތޮޅުގެ ރަށްރަށުގައި ތިއްބެވި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރެވޭ ޙާލަތުގައި ތިއްބެވި އެފަދަ ފަރާތްތަކަށް ވަޒީފާ ހޯދިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާދެއްވައި، އިސް ރައްވެހިން އެއްވެލާ އެކަކު އަނެކަކާ ބައްދަލުކޮށްލާނެ ތަންތަން ނުވަތަ އެކަހަލަ ޖާގަތައް ހެދިގެން މިނިސްޓްރީން ކައުންސިލާ ގުޅިގެން އެ މަސައްކަތްތައް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނާއި، ވުޒާރާތަކާ ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައި މެންބަރުންގެ ޚިޔާލު ހޯއްދެވިއެވެ.
ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމު މިމަހުގެ 18 އިން 20 އަށް ފުނަދުއަށް މިކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ޙާލު ކިހިނެއް ޕްރޮގްރާމު އިފްތިތާޙުކޮށް ފުނަދޫގައި އެ ޙަރަކާތް ކުރިޔަށްގެންދިއުމާއި، އެ ޕްރޮގްރާމާ ގުޅިގެން ފުނަދޫގެ މުއައްސަސާތަކާއި، ބައްދަލުކޮށް ޚިޔާލު ހޯއްދެވުމާއި، ފުނަދޫ ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކޮށް އެ ތަނުގެ ޙާލަތު ބައްލަވާލެއްވުމެވެ.