logo

20 ފެބްރުއަރީ 2025

މުވައްޒަފުން އައްޑޫސިޓީއަށް ކުރި ދަތުރު ނިންމާލައިފި

ށ.އަތޮޅު ކައުންސިލް އިދާރާގެ މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން 2025 ފެބްރުއަރީ 6 ވަނަ ދުވަހު އައްޑޫ ސިޓީއަށް ފެށި މުވައްޒަފުންގެ މޯޓިވޭޝަން ދަތުރު 11ވަނަ ދުވަހު ނިންމާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލާއި، ފޭދޫ އަވަށުއޮފީހާއި، ހުޅުދޫ އަވަށު އޮފީހާއި، މީދޫ އަވަށު އޮފީހާއި އީކްއޭޓަރ ވިލްއާއި، އީކްއޭޓަރ އިން އާއި ގުޅިގެން އެ ފަރާތްތަކުގެ ފުރިހަމަ އެހީތެރިކަމާއެކު މި ކުރި ދަތުރުގެ ބޭނުމަކީ ށ.އަތޮޅުކައުންސިލްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް، މަސައްކަތުމާހައުލުގެ ޓީމް ވޯކް ރަނގަޅުކުރުމަށްޓަކައި ތަފާތު މާހަލުތަކުގައި އެކީގައި ވަގުތުހޭދަކޮށް މުއައްސަސާތަކުގެ މަސައްކަތްތައް ގާތުން ބަލާ ތަޖުރިބާކުރުމާއި، އެއް ކައުންސިލު އަނެއް ކައުންސިލާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. ހަމައެއާއެކު އައްޑޫ ސިޓީ ކައުންސިލާއި، އަވަށު އޮފީސްތަކުގެ އިދާރީ ހިންގުން ކުރިޔަށްދާގޮތާއި، އިދާރީކަންކަން ބަލަހެއްޓުމުގައި ގެންގުޅޭ އުޞޫލުތަކާއި ގޮތްތައް ތަޖުރިބާކުރުމުގެ އިތުރުން، ކައުންސިލުތަކުން ދޭ ޚިދުމަތްތަކާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި ކައުންސިލުތަކަށް ދިމާވާ ގޮންޖެހުންތަކާމެދު އެ އިދާރާތަކާއެކު މަޝްވަރާކޮށް ތަޖުރިބާ ހިއްސާކޮށް އައްޑޫ ސިޓީކައުންސިލާއި، އަވަށު އޮފީސްތަކާ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމެވެ.

މި ދަތުރުގައި އައްޑޫ ސިޓީކައުންސިލާއި، ހުޅުދޫ، މީދޫ އަވަށު އޮފީހާއި، ބައްދަލުކުރުމުގެ އިތުރުން އައްޑުއަތޮޅުގެ ތާރީޚީ ތަންތަން ބަލާލުމާއި، ސިޓީގައި ތަރައްޤީކުރެވިފައިވާ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަން ތަރައްޤީކުރެވިފައިވާ ގޮތް ބަލައި އެ ތަންތަނުގެ މަޢުލޫމާތު ހޯދިފައިވެއެވެ. އެދި އޭގެ އިތުރުން ޒުވާން ދަނޑުވެރިޔާ ޢަބްދުﷲ ރަމްޒީ ތަރައްޤީކޮށްފައިވާ އޮޓޯޕޮޓް ފާމާއި، ޑްރެގަންފުރުޓް ފާމަށް ޒިޔާރަތްކޮށް ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ހޯދިފައިވެއެވެ.

މި ދަތުރުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމާއި، ސެކްރެޓަރީޖެނެރަލްގެ އިތުރުން 25 އިދާރީ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

މި ދަތުރުގައި އައްޑޫ ސިޓީކައުންސިލާއި، ފޭދޫ އަވަށު އޮފީހާއި، ހުޅުދޫ އަވަށުއޮފީހާއި، މީދޫ އަވަށުއޮފީހާއި، އީކްއޭޓަރ ވިލެޖާއި، އީކްއޭޓަރ އިން އާއި، އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް އެ ފަރާތްތަކުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް މުވައްޒަފުންގެ ނަމުގައި ޝުކުރުވެރިވާ ކަމަށް ށ.އަތޮޅުކައުންސިލުން ހާމަކުރައްވައެވެ.