06 ޖަނަވަރީ 2025
ށ.އަތޮޅު ކައުންސިލާއި ފުނަދޫ ކައުންސިލް ގުޅިގެން ބޭއްވި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ނިމިއްޖެ

ށ.އަތޮޅު ކައުންސިލާއި ފުނަދޫ ކައުންސިލް ގުޅިގެން ބޭއްވި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ނިމިއްޖެއެވެ. މަސްވެރިންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުނު މި ކޯސް ކުރިޔަށް ގެންދެވުނީ 24 ޑިސެމްބަރ އިން 30 ޑިސެމްބަރއަށް ށ.ފުނަދޫގައެވެ. ކޯހުގައި ޖުމްލަ 16 ބައިވެރިން ބައިވެރިވެފައި ވެއެވެ.ށ.އަތޮޅު ކައުންސިލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޯހަކީ އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޒުވާނުންނާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުން ދާ ޒުވާނުންގެ ހުނަރު އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭއްވުނު ކޯހެކެވެ. މި ކޯހުގެ ހުރިހާ ބައިވެރިންގެ ކޯސްފީ ދައްކައި ދީފައި ވަނީ ށ.އަތޮޅު ކައުންސިލްގެ ބަޖެޓުންނެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ޑައިވް ޑެސްކްގެ ތިން އިންސްޓްރަކްޓަރުން ކަމުގައިވާ އާދަމް އަޝްރަފުއާއި މުއްތު އަދި މިސްޓަރ ޔެލިންއެވެ. މި ކޯހުގެ ތިއަރީ ސެޝަންތައް ކުރިއަށް ގެންދިޔައީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ވެހީގެ މީޓިން ހޯލްގައެވެ. އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ށ.ފުނަދޫގައެވެ.ކޯހުގެ ބައިވެރިންނަށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މުހިންމު މަޢުލޫމާތު ލިބިގެންދިޔަ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކޯސްތައް ކުރިއަށް އޮތް ތަނުގައިވެސް ބޭއްވުމަށް ރޭވިފައިވާ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. އަދި މިފަދަ ކޯސްތަކުން އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
