11 އޮކްޓޯބަރ 2024
ވާހަކަދެއްކުމުގެ ށ. އަތޮޅުމުބާރާތް ކަނޑިތީމުގައި ބާއްވަނީ

ށ.އަތޮޅު ކައުންސިލުން މި އަހަރަށް ތާވަލުކޮށްގެން ކުރިޔަށްގެންދަވާ ވާހަކަދެއްކުމުގެ ށ.އަތޮޅު މުބާރާތް 2024 އޮކްޓޫބަރު 24 އިން 26 އަށް ކަނޑިތީމުގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މުބާރާތް ބޭއްވުމަށް ހޯސްޓްކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާފައިވަނީ ހަމައެކަނި ކަނޑިތީމުން ކަމަށްވާތީ، ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 108ވަނަ ޢާއްމު ޖަލްސާގައި މެންބަރުންވަނީ މި މުބާރާތް ކަނޑިތީމުގައި ބޭއްވުމަށް ނިންމަވައިދެއްވާފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ށ.އަތޮޅު ރަށްރަށުގެ ސްކޫލުތަކަށް ހުޅުވާލެވި، 10 ރަށަކުން ބައިވެރިވެ 56 ދަރިވަރުން ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި މި އަހަރު ވާދަކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވަނީ ށ.އަތޮޅު މަދަރުސާ އާއި، ށ. ގޮއިދޫ، ފީވައް، ބިލެތްފަހީ، ފޯކައިދޫ، މަރޮށި، ޅައިމަގު، ފުނަދޫ ، މިލަންދޫ، ށ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ.
ށ.އަތޮޅުގައި އަލަށް މި ފެށޭ ވާހަކަދެއްކުމުގެ ށ.އަތޮޅު މުބާރާތަކީ ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ކުޅަދާނަ ދަރީން އުފެއްދުމާއި، ތަފާތު މައިދާންތަކުގައި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަދެއްކުމުގެ ހުނަރާއި ކުޅަދާނަކަން ހުރި ވާހަކަދެއްކުންތެރީން އުފެއްދުމެވެ. އަދި މި ފަންނުގައި ށ.އަތޮޅުގެ ދަރިންނަށް ކުރިޔަށްދިއުމުގެ މަގުތައް ތަނަވަސްކޮށްދީ، ފަހިކޮށްދިނުމާއި، ސްކޫލުތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމެވެ.