logo

07 އޮކްޓޯބަރ 2024

ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ ވަޞީލަތް ހަމަކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ށ.އަތޮޅުކައުންސިލާ ގުޅިގެން ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ ވަޞީލަތް ހޯދުމަށް އެދި ހުށައެޅި ޕްރޮޕޯސަލް ކާމިޔާބު ކޮށްފައިވާ ހަތަރުރަށު ކައުންސިލާއި އެކު އެހީދިނުމުގެ އެގްރިމެންޓްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ ށ.އަތޮޅުގެ ރަށްރަށުގައި ކުނިމެނޭޖްކުރުން ހަރުދަނާކުރުމަށާއި، ރައްކާތެރި ގޮތުގައި ނުނިނައްތާލުމަށާއި އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.

މިއަހަރު ކުނިމެނޭޖްކުރުން ހަރުދަނާކުރުމަށް  ޕްރަޕޯސަލް ހުށަހަޅާފައިވާ ރަށުކައުންސިލްގެ ތެރެއިން ޕްރަޕޯސަލް ކާމިޔާބުކޮށްފައިވާނީ މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލާއި، ނޫމަރާ ކައުންސިލާއި، ބިލެތްފަހީ ކައުންސިލު އަދި މާއުނގޫދޫ ކައުންސިލެވެ. މި އެއްބަސްވުންތަކުގެ ދަށުން ކައުންސިލްތަކުން ހިންގާ ކުނިމެނޭޖްކުރުން ހަރުދަނާކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އަތޮޅު ކައުންސިލުން 100000 (އެއްލައްކަ ރުފިޔާ)ގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ށ. ކައުންސިލުގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ފައްޓަވައި ތަޢާރަފްކޮށް ދެއްވީ ށ.އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަސަންއެވެ.

މިރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި  އަތޮޅު ކައުންސިލުން ރައްވެހިތަރައްގީއަށް ރާވާ މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެން ދިއުމަށް ރަށުކައުންސިލްތަކުން ދެއްވާ ތަރުހީބު ފާހަގަކޮށް ޝުކުރު ދަންނަވާފައިވެއެވެ. އޭގެ އިތުރުން މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަން ފާހަގަކޮށް ވީހާވެސް އަވަހަށް ކައުންސިލުތަކުން ޕްރޮޕޯސްކޮށްފައިވާ ކަންކަން ނިންމުމަށް މަސައްކަތްކޮށްދެއްވުމަށް އެދިލެއްވިއެވެ.

މިއަހަރު ކައުންސިލްތަކުން ކުނިމެނޭޖްކުރުން ހަރުދަނާކުރުމަށް ހިންގާ ރާވާފައިހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ށ. ނަރުދޫ ކައުންސިލްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ކުނިކޮށްޓަށް ބޭނުންވާ ދެ ވެހިކަލް" ހޯދުމުގެ މަސައްކަތެވެ. އަދި ނޫމަރާ ކައުންސިލްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ " ކުނިކޮށްޓަށް ބޭނުންވާ މެޝިނަރީ ހޯދުމާއި މެޝިނަރީޒް ބަހައްޓާ އިމާރާތް ހެދުމުގެ" މަސައްކަތެވެ. އަދި ށ.ބިލެތްފަހީ ކައުންސިލްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ " އިޖުތިމާއީ ސަރަހައްދާއި، ގޭބީސީތަކުގައި ކުނިއެޅުމަށްޓަކައި ޑަސްބިން ހަދިޔާކުރުމުގެމަސައްކަތެވެ. އަދި ށ.މާއުނގޫދޫ ކައުންސިލްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ " ކުނިކޮށްޓަށް ބޭނުންވާ މެޝިނަރީ ކަމުގައިވާ 1ބިއްލޫރި މުގުރާ މެޝިނާއި، 2ރަށު ޕިކަޕް އަދި 100 ޑަސްބިން ހޯދުމުގެ މަސައްކަތެވެ.