logo

27 ސެޕްޓެމްބަރ 2024

ފަރީ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޢުމްރާ ދަތުރު ފާޠިމަތު ސިލީންއަށް

ށ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އަތޮޅު ޤުރްއާން މުބާރާތް 2024 އެންމެ މޮޅު ދަރިވަރަށް ފަރީ ޙައްޖު އެންޑް ޢުމްރާ ގުރޫޕުން ހުށައެޅި ޢުމްރާ ދަތުރު މިލަންދޫ ސްކޫލުގެ ފާޠިމަތު ސިލީން އަޙްމަދު އާޠިފް އަށް ލިބިއްޖެއެވެ.  ފާޠިމަތު ސިލީން މި އަހަރުގެ މުބާރާތުގައި ވާދަކޮށްފައި ވަނީ ކީސްޓޭޖް 4ގެ އުމުރުފުރާއިން ހިތުން ކިޔެވުގެ ގޮފިންނެވެ.

 

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާޠިމަތު ސިލީން ހޮވިފައިވާއިރު، އޭނާ ވާދަކުރި އުމުރުފުރާއިން، ހިތުންކިޔެވުމުގެ ގޮފިން ވެސް ވަނީ 1 ވަނަ ހޯދާފައެވެ.

ށ.އަތޮޅު ޤުރްއާން މުބާރާތް 2024ގެ 1 ވަނަ ސްކޫލަކަށް މިލަންދޫ ސްކޫލު ހޮވިފައިވާ އިރު 2ވަނަ ސްކޫލަކަށް ހޮވިފައިވަނީ ށ.ފޭދޫ ސްކޫލެވެ. އަދި 3ވަނަ ސްކޫލަކަށް ހޮވިފައިވަނީ ބިލެތްފަހީ ސްކޫލެވެ.

މުބާރާތުގެ ޚާއްޞަ ވަނަތަކަށް އިނާމުދެއްވީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕްބްލިކް ވޯކްސް އަލްއުސްތާޛް މޫސާ ފަތުޙީ އާދަމްއެވެ. އެގޮތުން 1 ވަނައަށް ދިޔަ ސްކޫލަށް 15000 ރުފިޔާ،   2ވަނައަށް 7000  ރުފިޔާ އަދި 3 ވަނައަށް 5000 ރުފިޔާ އާއި އެކު ޓްރޮފީއެއް އަތޮޅު ކައުންސިލުން ވަނީ  ހުށައަޅާފައެވެ.