logo

17 ސެޕްޓެމްބަރ 2024

ރަށްވެހި ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

ށ.އަތޮޅުކައުންސިލާ ގުޅިގެން ރަށްވެހިތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށައެޅި ޖަމިއްޔާތަކާއި، އ.ތ.މ ކޮމެޓީތަކުގެ ތެރެއިން ޕްރޮޕޯސަލް ކާމިޔާބުކުރި ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ ށ.އަތޮޅުގެ ޖަމިއްޔާތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ށ.އަތޮޅުގެ ރައްޔިތުންނަށް ލާބަހުރި މަސައްކަތްތައް ހިންގުމުގައި ޖަމިއްޔާތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެއްބާރުލުން ދިނުމަށާއި އެފަރާތްތަކާއި ށ.އަތޮޅުކައުންސިލާއި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.

މިއަހަރު ޕްރަޕޯސަލް ހުށަހަޅާފައިވާ ޖަމިއްޔާތަކުގެ ތެރެއިން ޕްރަޕޯސަލް ކާމިޔާބުކޮށްފައިވާނީ ށ. ކަނޑިތީމު ބްލޫގިލްޑް ފައުންޑޭޝަނާއި، ށ. ޅައިމަގު އެކުވެރިންގެ ރޫޙް އާއި، ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީއިންނެވެ.   އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ތެރެއިން ޕްރޮޕޯސަލް ކާމިޔާބުކުރީ ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި، ށ. މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި، ށ. މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ޖަމިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކަށް އަތޮޅު ކައުންސިލުން 300000 (ތިންލައްކަ ރުފިޔާ)ގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެތީތަކުން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތަކަށް 150000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިއަހަރު ޖަމިއްޔާތަކުން ހިންގުމަށް ރާވާފައިހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ށ.ކަނޑިތީމް ބްލޫގިލްޑްއިން ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ އެރަށު ބަނދަރުގައި "ތާނަ އައިލެންޑް މޮނިއުމަންޓް" ބިނާކުރުމުގެ ޕްރޮޖެކްޓެވެ. އަދި ޅައިމަގު އެކުވެރިންގެ ރޫޙުއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ޅައިމަގު އެކުވެރިންގެ ރޫހު ޖަމިއްޔާގެ އޮފީސް އަދި ކޮމިއުނިޓީ މިނީ ޕާކް" ތަރައްޤީކުރުމުގެ ޕްރޮޖެކްޓެވެ. އަދި ޔުނިޓީ ސްޕޯރޓްސް އެކަޑަމީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި " ށ.ފުނަދޫގައި ތިމާވެއްޓާއި ރައްޓެހި ބާބަކިއު އޭރިއާއެއް" ތަރައްގީކުރުމުގެ ޕްރޮޖެކްޓެވެ.

މިއަހަރު އެހީ ލިބުނު އަންހެނުންގެ ކޮމެޓީތަކުގެ ތެރެއިން ށ.ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ށ.ފުނަދޫގައި އިންޑޯ ޖިމެއް ތަރައްޤީކުރުމުގެ ޕްރޮޖެކްޓެވެ. އަދި ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ށ.މިލަންދޫ ޒުވާނުންގެ މަރުކަޒުގައި އަންހެނުންގެ ޒުމްބާ ރޫމެއް ޤާއިމްކުރުމުގެ ޕްރޮޖެކްޓެވެ. އަދި ށ.މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ށ.މާއުނގޫދޫ ސްކޫލްގެ ބެލެނިވެރިންގެ ހިޔާއެއް އެޅުމުގެ ޕްރޮޖެކްޓެވެ.