logo

10 ސެޕްޓެމްބަރ 2024

ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކޮށްފި

ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމުތައް ތަންފީޒުކުރުމުގެ މަޤްޞަދުގައި ށ.އަތޮޅުކައުންސިލުގެ މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށްގެންދެވޭ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު 2024 ސެޕްޓެންބަރު 7ވަނަ ދުވަހު މާއުނގޫދޫގައި ބާއްވައިފިއެވެ.  

ޤައުމީ ދުވަހުގެ ޚާއްޞަ ޖަލްސާ މާއުނގޫދޫ ސްކޫލުގައި އެ ދުވަހުގެ 14:00 ގައި ބޭއްވިފައިވާއިރު އެ ޖަލްސާގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެ މަނިކުފާނު ދެއްކެވިވާހަކަފުޅުގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ސަރުކާރުން ފެއްޓެވި ބޮޑު މަސައްކަތުގައި ށ.އަތޮޅުކައުންސިލުން ބައިވެރިވެ މި ފެއްޓެވީ ބޮޑު މަސައްކަތެއް ކަމަށާއި، މި މަސައްކަތް ފެއްޓެވުމަކީ ޙަޤީޤަތުގައި ވެސް ލިބިގެން ދިޔަ ވަރަށް މުހިންމު މެސެޖުތަކެއް ކަމަށާއި، މުޅި ޤައުމަށް މިކަން ފެތުރިގެން ދިއުމަކީ ދެކެން ބޭނުންވާ މަންޒަރެއް ކަމަށް ވިދާޅުވިއެވެ. އޭގެއިތުރުން މި ދުވަސް ފާހަގަކުރުމުގެ ސަބަބުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ބައްދަލަވާލައްވާފައެވެ.  ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމުގެ ވާހަކަފުޅުގައި އަތޮޅުކައުންސިލުން އަބަދުވެސް ވާނީ ސަރުކާރުން ކުރާ ކަންތައްތައް ތަންފީޒުކުރުމުގައި ނަމޫނާ ދައްކާ އަތޮޅެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.  ހަމައެއާއެކު ދިވެހިބަހާއި، ސަޤާފަތާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

  

މީގެ އިތުރުން މި ދުވަހާ ގުޅިގެން މާއުނގޫދޫގައި ބޭއްވުނު ސަޤާފީ ހަވީރާއި، މެހުމާނުންނަށް ޚާއްޞަކުރެވިފައިވާ ޖާފަތުގައި ބައިވެރިވެ، މިލަންދޫ ޒުވާނުންގެ ލަނގިރި ޖެހުމުގެ ޙަރަކާތްތައް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ދިވެހިބަހާއި، ތާރީޚާއި، ސަޤާފަތާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި، ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝާހިދާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމު އާއި، އަތޮޅުކައުންސިލް މެންބަރުންނާއި، ށ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ފުނަދޫ، މާއުނގޫދޫ މުއައްސަސާތަކުގެ ވެރިން ބައްލަވައިލެއްވިއެވެ.