logo

09 ސެޕްޓެމްބަރ 2024

މާރެސް އެވޯޑް ޙާޞިލުކުރި އ.ތ.މ ކޮމެޓީތަކަށް އެވޯޑު ޙަވާލުކޮށްދެއްވައިފި

      ށ.އަތޮޅު ކައުންސިލުގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށްގެންދެވުނު 2024ވަނަ އަހަރުގެ މާރެސް އެވޯޑް ޙާޞިލުކުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިޢުލާނުކޮށް އެ ކޮމެޓީތަކަށް ށ.އަތޮޅުކައުންސިލުން ދޭ މާރެސް އެވޯޑު ޙަވާލުކޮށްދެއްވައިފިއެވެ.

      2024 ސެޕްޓެންބަރު 7ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ޤައުމީދުވަސް އަތޮޅުފެންވަރުގައި ފާހަގަކުރުމަށް ށ.މާއުނގޫދޫ ސްކޫލުގައި، ބޭއްވުނު ޚާއްޞަ ޖަލްސާގައި އެ އެވޯޑުތައް ވަނަވަނަ ޙާޞިލުކުރި ކޮމެޓީތަކާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.  

ށ.އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އަގުވަޒަންކުރުމުގެ އުޞޫލުގެ ދަށުން ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހުޅުވާލެވުނު ފުރުޞަތުގައި އެވޯޑަށް އެދި ހުށަހެޅި 8 ކޮމެޓީތަކުގެ ތެރެއިން 2023ވަނަ އަހަރުގެ މާރެސް އެވޯޑުން 1ވަނަ ށ.ކަނޑިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ޙާޞިލުކޮށްފައިވާއިރު ދެވަނަ ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި 3ވަނަ ޙާޞިލުކޮށްފައިވަނީ ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ.

ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ޤާނޫނީ ޒިންމާއާއި، ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ހިތްވަރުދިނުމާއި، ބަދަހި އިޖުތިމާޢީ ގުޅުމެއް ޤާއިމުކުރުމަށް ހިތްވަރުދިނުމާއި، ހިންގުމުގެ ދާއިރާއިން ކޮމެޓީތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފެއްދުމާއި، ވިލުންވެރި މުޖުތަމަޢަކަށް އަންހެނުންގެ ދައުރު އިތުރުކުރުމަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ތަޢާރަފްކުރެވުނު މި އެވޯޑު ށ.އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އަގުވަޒަންކުރުމުގެ އުޞޫލުގެ ދަށުން ކޮންމެ އަހަރަކު ވެސް ދިނުމަށް ކަނޑައެޅިފައިވާ ކަމަށް އެ ޖަލްސާގައި ށ.އަތޮޅުކައުންސިލުން ވަނީ އިޢުލާނުކުރައްވާފައެވެ.