logo

31 އޯގަސްޓް 2024

ޤައުމީ މާމަކާފަ ދުވަސް ފުނަދޫގައި ފާހަގަކޮށްފި

      މި އަހަރުގެ ޤައުމީ މާމަކާފަ ދުވަސް  ށ.ފުނަދޫގައި ފާހަގަކޮށްފިއެވެ.

      މިދުވަސް ފާހަގަކުރުމަށް މި މަހުގެ 29 އަދި 30ވަނަ ދުވަހު ކުރިޔަށްގެންދިޔަ  ހަރަކާތްތަކުގެ ތެރޭގައި މާމަ ކާފައިންނާއެކު ބޭއްވުނު ހަވީރު ސައި ހަފުލާއާއި، ޢާއިލީ ހަވީރެއް ހިމެނެއެވެ. 29 ވަނަ ދުވަހު ހަވީރު 4:00 އިން 17:40 އަށް ފުނަދޫ ރިސޯސް ސެންޓަރުގައި ކުރިޔަށްގެންދެވުނު މާމަކާފައިންގެ ހަވީރު ސައި ހަފުލާގައި މަރުޙަބާ ދެންނެވީ ށ.އަތޮޅުކައުންސިލުގެރައީސް މުޙައްމަދު ޝިޔާމެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ވާހަކަދެއްކެވީ އެ އޮފީހުގެ ސީ.އީ.އޯ އެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ ޑިޖިޓަލް ލިޓްރަސީ ސެޝަނަކާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުގެ ސެޝަނެއް ކުރިޔަށްގެންދެވުނެވެ.

ފުނަދޫގެ ސަރުކާރު މުއައްސަސާތަކުގެ އެއްބާރުލުމާއެކު 30 ވަނަ ދުވަހުގެ 16:30 އިން 18:00 އަށް ޓްރެކް ސަރަޙައްދުގައި ބޭއްވުނު ޢާއިލީ ހަވީރުގައި ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމާއި، ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމުގެ ދެއްކެވި ވާހަކަފުޅުގައި މި  އަހަރުގެ މާމަކާފަ ދުވަސް ފާހަގަކުރެވިގެން ދިޔަގޮތާއި، އެ ދުވަސް ފާހަގަކުރުމުގައި ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ސްޓޯލް ޙަރަކާތްތަކާއި، މާމައިންނަށް ޙާއްޞަ މެސެޖު ކުދިންގެ ފަރާތުން ދިނުމާއި، މާމަކާފައިންގެ ހުނަރު ދައްކާލުމާއި، ޑިޖިޓަލް ލިޓްރަސީ ރިލޭއެއް ގިނަ ޢަދަދެއްގެ ކާފަމާމައިންނާއި، ކުޑަކުދިން ބައިވެރިވި މި ޢާއިލީ ޙަވީރުގައި ކުރިޔަށްގެންދެވުނެވެ.

      މާމަކާފައިން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، ދަރިންނާއި، މާމަކާފަ ދަރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފާހަގަކުރާ މި އަހަރުގެ މާމަކާފަ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ޕެންޝަން އޮފީހާއި، މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި، މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އާއި، ށ.ފުނަދޫ ކައުންސިލް ގުޅިގެން ފުނަދޫގެ މުއައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.