15 މެއި 2024
ލޯކަލް ޓޫރިޒަމާއި، ގެސްޓްހައުސް ވިޔަފާރިއާ ގުޅޭ ޓްރޭނިންގ ފަށައިފި
ށ.އަތޮޅު ކައުންސިލާއި، ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ލޯކަލް ޓޫރިޒަމްގެ ނަފާވެރިކަން ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ޓޫރިޒަމާއި، ގެސްޓްހައުސް ވިޔަފާރިއާ ގުޅޭ މަޢުލޫމާތު ދިނުމުގެ ޓްރޭނިންގ މިއަދު ފަށައިފިއެވެ.
ށ.އަތޮޅު ކައުންސިލުގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނުގައި ހިމެނި، މި އަހަރަށް ބަޖެޓްކޮށްގެން ކުރިޔަށްގެންދެވޭ މި ޓްރޭނިން ޕްރޮގްރާމަކީ ށ.އަތޮޅުގެ ރަށު ކައުންސިލުތަކުގެ ރައީސުންނާއި، އިޤްތިޞާދީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފެއް ނުވަތަ ކައުންސިލަރެއް އަދި ލޯކަލް ޓޫރިޒަމަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުންނަށް އަމާޒުކޮށްގެން މި މެއި މަހުގެ 15- 16 އަށް ދެ ދުވަހުގެ މުއްދަތަށް ފުނަދޫގައި ކުރިޔަށްގެންދެވޭ މި ސެޝަންގައި މި އަތޮޅުގެ 13 ރަށުންނާއި، އަތޮޅުކައުންސިލުންނާއެކު ޖުމުލަ 36 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި ޓްރޭނިންގ ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދިނުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ މެންބަރ އަދި އއ. ތޮއްޑޫ ކައުންސިލުގެ ރައީސް އަޙްމަދު ކަރަމް އާއި އެ އެސޯސިއޭޝަންގެ ގޯލްޑް މެންބަރ އަޙްމަދު ސަހުދުގެ އިތުރުން އޮންލައިންކޮށް ވެސް ބައެއް މެންބަރުން ކަމާގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ވަނީހަމަޖެހިފައެވެ.