logo

25 ސެޕްޓެމްބަރ 2023

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ށ.އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ޤައުމީ ކުލަތަކުގެ ހެދުމުގައި އެންމެން ބައިވެރިވެ ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތު ކީރިތި ޤުރުއާންގެ މޫރިތި އާޔަތްތަކުން ފަށްޓަވައި ދެއްވީ ށ.ފުނަދޫ ސްކޫލުގެ ދަރިވަރު އާދަމް ޢަދީލް އިބްރާހީމެވެ. ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަދެއްކެވީ ށ.ފުނަދޫ ސްކޫލުގެ ދަރިވަރު އާމިނަތު އާލާޢު ސަލްމާންއެވެ.  ޤައުމީ ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރަސްމިއްޔާތުގައި ބައިވެރިވި އެންމެހާ ޙާޟިރީން  ބައިވެރިވާ ޤައުމީ ސަލާމްކިއުމުންނެވެ.

ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އުފައްދައި އާލާކުރުމާއި، ޤައުމީ މުނާސަބަތުތައް ފާހަގަކުރުމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ އާދަ ހަރުލެއްވުމާއި، މުޅި ރާއްޖޭގައި އެއްވަގުތެއްގައި ދިދަ ނެގުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިސް ނަންގަވައިގެން ހިންގުނު މި ޕްރޮގްރާމަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ މަޤުޞަދުގައި ށ.ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ށ. އަތޮޅުކައުންސިލުން ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތާއެކު ށ.އަތޮޅުގެ ހުރިހާ ރަށުކައުންސިލާ ގުޅިގެން އެރަށްރަށުގައި ވެސް މި ޕްރޮގްރާމުވަނީ ކުރިޔަށްގެންދެވިފައެވެ.

މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމާއި، އަތޮޅުކައުންސިލުގެ އެސްޖީ މުޙައްމަދު ޙަސަނާއި، ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލާއި، ފުނަދޫ ކައުންސިލާއި، ޑަބްލިއުޑީސީގެ މެންބަރުންނާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗާއި، ފުނަދޫ ސްކޫލުގެ އިސްވެރިންނާއި، މުވައްޒަފުން އަދި ފުނަދޫ ސްކޫލުގެ ދަރިންވަރުން ބައިވެރިވެފައިވެއެވެ.