logo

03 ސެޕްޓެމްބަރ 2023

ށ.އަތޮޅު ޤުރުއާން މުބާރާތް 2023 ފެށިއްޖެ

ށ.އަތޮޅު ކައުންސިލުގެ މި އަހަރު މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށްގެންދެވޭ ށ.އަތޮޅުކައުންސިލުގެ ޤުރުއާން މުބާރާތް މިއަދު ފެށިއްޖެއެވެ.

މިއަދު ހެނދުނު 10:00 ގައި ފުނަދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލުގައި ފެށުނު މި މުބާރާތުގައި ށ.އަތޮޅުގެ 10 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ށ. އަތޮޅު މަދަރުސާ އާއި، ގޮއިދޫ ސްކޫލާއި، ފޭދޫ ސްކޫލާއި، ފީވަކު ސްކޫލާއި، ބިލެތްފަހީ ސްކޫލާއި، ފޯކައިދޫ ސްކޫލާއި، ޅައިމަގު ސްކޫލާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން މާއުނގޫދޫ ސްކޫލާއި، ފުނަދޫ ސްކޫލުން 91 ދަރިވަރުން މުބާރާތުގައި ބައިވެރިވެ ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

2023 އޮގަސްޓު 31 އިން ސެޕްޓެންބަރު 2 ގެ ނިޔަލަށް ދަންފަޅިތަކަކަށް ބަހާލައިގެން ކުރިޔަށްގެންދެވޭ މި މުބާރާތުގެ ފުރަތަމަ ދަންފަޅީގައި މިއަދު ހެނދުނު ކިޔަވާފައިވަނީ ކީ ސްޓޭޖު 2 ގެ ބަލައިގެންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގެ ދަރިވަރުންނެވެ. އަދި 2ވަނަ ދަންފަޅީގައި މެންދުރު ފަހު، ފައުންޑޭޝަން ސްޓޭޖުގެ ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވާ ދަރިވަރުންގެ ކިޔެވުންތައް ވަނީ ނިމިފައެވެ. ކީ ސްޓޭޖު 3 ގެ ބަލައިގެންނާއި، ނުބަލައި ކިޔަވާ ދަރިވަރުންގެ ކިޔެވުން 3ވަނަ ދަންފަޅީގައި މާދަމާ ހެނދުނު ކުރިޔަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު 4ވަނަ ދަންފަޅީގައި މެންދުރު ފަހު ކީ ސްޓޭޖް 1ގެ ބަލައިގެން ކިޔަވާ ދަރިވަރުންގެ ކިޔެވުން ކުރިޔަށްގެންދާ ގޮތަށް ވަނީ ތާވަލުކުރެވިފައެވެ. އަދި 5ވަނަ ދަންފަޅީގައި ސެޕްޓެންބަރު 2ވަނަ ދުވަހު، ކީ ސްޓޭޖް 4 ގެ ބަލައިގެން ކިޔެވުމާއި، ނުބަލައި ކިޔެވާ ދަރިވަރުން ކިޔަވާގޮތަށް ހަމަޖެހިފައިވާއިރު 6ވަނަ ދަންފަޅީގައި އެ ދުވަހުގެ މެންދުރުފަހު، ކީ ސްޓޭޖް 1 ގެ ނުބަލައި ކިޔެވުމުގެ ބައި ކުރިޔަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފުނަދޫ ސްކޫލާއި، ފުނަދޫ ކައުންސިލް އިދާރާ އާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދެވޭ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވާއިޡު އައްޝައިޚް ޙަސަން ތައުފީޤު ޢަބްދުއްރަޙްމާނާއި، ވާއިޡު އައްޝައިޚް އަޙްމަދު މައުމޫނާއި، އިމާމު އަލްޙާފިޡު ޢަބްދުﷲ މަސްޢޫދެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސައި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުގެ މަގަށް ހިތްވަރުދިނުމާއި، ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤައުމީ މުބާރާތުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޓީމެއް އެކުލަވާލުމާއި، ޤާރީންނާއި، ޙާފިޡުން އުފެއްދުމަށް ބާރުއެޅައި ހިތްވަރުދިނުމާއި، ސްކޫލުތަކުގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމުކުރުމެވެ.