ށ.އަތޮޅުކައުންސިލުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ އުޞޫލުގެ ދަށުން މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށްގެންދެވުނު ށ. އަތޮޅުކައުންސިލުގެ އަހަރީ ޙަފްލާ 2022 ޑިސެންބަރު 10 ވަނަ ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބާއްވައިފިއެވެ.
އަތޮޅުކައުންސިލުގެ މުވައްޒަފުންނާއި، މުވައްޒަފުންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ބޭއްވުނު މި ރަސްމިއްޔާތުގައި މައިގަނޑު 2 ދާއިރާއަކުން މުވައްޒަފުންނަށް އެވޯޑާއި، ހަނދާނީލިއުން ޙަވާލުކުރެވިފައިވާއިރު އޭގެ އިތުރުން އަހަރުގެ ލާމަސީލު މުވައްޒަފަށާއި، އަހަރު ހީވާގި މުވައްޒަފުންގެ ގޮތުގައި ހޮވުނު ދެ މުވައްޒަފަށާއި، އަހަރުގެ ޚިދުމަތްތެރި މުވައްޒަފުންގެ ގޮތުގައި ހޮވުނު ދެ މުވައްޒަފުންނަށް ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައި ވެއެވެ. މީގެ އިތުރުން މި ދިޔަ އަހަރުގެ ތެރޭގައި ޙާޟިރީން 100% ހޯދި 14 މުވައްޒަފަކަށް އަދި އެ އަހަރުގެ ތެރޭގައި އަތޮޅުކައުންސިލުން ވަކިވި 4 މުވައްޒަފަކަށް ހަނދާނީ ލިއުން ޙަވާލުކޮށްދެއްވާފައިވެއެވެ. އެ ފަރާތްތަކަށް އިނާމުތައް ބައްސަވައިދެއްވީ ޝަރަފްވެރި މެހުމާން އަލްފާޟިލް މުޙައްމަދު ޢާރިފާއި، އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމާއި، ޚާއްޞަ މެހުމާން ސަން މީޑިޔާ ގްރޫޕްގެ ސީ.އީ.އޯ އަލްފާޟިލް މުޙައްމަދު ޢާޞިފެވެ.
މިއަހަރުގެ ލާމަސީލު މުވައްޒަކަށް އަލްފާޟިލާ ޢާއިޝަތު ޔަމްނާ ހޮވިފައިވާއިރު، އަހަރުގެ ހީވާގި މުވައްޒަފުންގެ ގޮތުގައި ޝާހިދާ އަޙްމަދާއި، ޒުނައިރާ މުޙައްމަދު ހޮވިފައިވެއެވެ. އަހަރުގެ ޚިދުމަތްތެރި މުވައްޒަފުންގެ ގޮތުގައި ނަހުޒާ ޢަލީ އާއި، އަޤްލީމާ ޢަބްދުއްޞަމަދު ހޯއްދަވާފައިވާއިރު، ޚިދުމަތުގެ ރަންފިލާ 4 ފަރާތަކަށް، ރިހިފިލާ 1 ފަރާތަށް އަދި ލޮއިފިލާ 4 ފަރާތަކަށް ދެވިފައިވެއެވެ.
މި ރަސްމިއްޔާތު ބޭއްވުމުގެ މަޤްޞަދަކީ ކައުންސިލްގެ ކުރިއެރުމަށް ގަދައަޅާ މަސައްކަތްކުރާ މުއައްޒަފަކަށް ވުމަށް ހިތްވަރުދިނުމާއި، ޙަވާލުކުރެވޭ މަސައްކަތްތައް ޓާގެޓަށް މުއްދަތުގައި ނިންމުމަށް ބާރުއެޅުވުމާއި،ފަންނުވެރި ކުރިއެރުމަށް ގަދައަޅާ މަސައްކަތްކުރާ މުއައްޒަފަކަށް ވުމަށް ހިތްވަރުދިނުމާއި، ޤަވާޢިދުތަކާއި އުޞޫލުތަކަށް އިޙުތިރާމްކޮށް ޢަމަލުކުރާ މުއައްޒަފަކަށް ވުމަށް ހިތްވަރު ދިނުމާއި، ޚިދުމަތުގައި ދެމިހުންނަ މުއައްޒަފަކަށް ވުމަށް ހިތްވަރު ދިނުމާއި، އުފެއްދުންތެރި، ބިނާކުރަނިވި ޚިޔާލުގެ މުއައްޒަފަކަށް ވުމަށް ހިތްވަރު ދިނުމާއި، އަތޮޅުކައުންސިލުގެ ވަޒީފާތަކަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ.