ރަށުކައުންސިލްތައް މޮނިޓަރކުރަން ފަށައިފި


މި އަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށް ގެންދެވޭ  ށ.އަތޮޅު ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް 2022 ނޮވެންބަރު 14 ވަނަ ދުވަހު ފަށައިފިއެވެ.

ޤާނޫނީގޮތުން  ކައުންސިލްތަކުން ކުރުމަށް ލާޒިމުކުރާ ކަންކަމާއި، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން، ފެށުމުގެ ގޮތުން އިއްޔެ މޮނިޓަރ ކުރެވިފައިވަނީ ކޮމަންޑޫ އާއި، މަރޮށީ ކައުންސިލްގެ އިދާރާއެވެ.

މި އަހަރުގެ މޮނިޓަރިންގ ދަތުރު ޝެޑިއުލްގައި މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދަތުރު ނިންމާގޮތަށް ކަނޑައެޅިފައިވާއިރު  މި ދަތުރުތަކުގައި 7 ދުވަސް ހޭދަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މި ދަތުރުތަކުގެ ތެރެއިން 2022 ނޮވެންބަރު 15 ގައި ނަރުދޫ، މިލަންދޫ ، 17ވަނަ ދުވަހު ކަނޑިތީމު، ގޮއިދޫ، 21ވަނަ ދުވަހު ފޭދޫ ބިލެތްފަހި މޮނިޓަރކުރުމަށް ހަމަޖެހިފައިވާއިރު، 2022 ނޮވެންބަރު 22 ވަނަ ދުވަހު ނޫމަރާ، ފޯކައިދޫ، 23ވަނަ ދުވަހު ޅައިމަގު، މާއުނގޫދޫ އަދި 28 ވަނަ ދުވަހު ފީވައް، ފުނަދޫ ކައުންސިލުގެ އިދާރާ މޮނިޓަރކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކުގައި މޮނިޓަރިންގ ޓޫލް ފުރިހަމަކުރުމަށްފަހު ފާހަގަކުރެވުނު މައްސަލަތައް މޮނިޓަރިންގ ނިންމާލުމަށްފަހު ކައުންސިލު މެންބަރުންނާއި، އިދާރީ މުވައްޒަފުންނާއި، އ.ތ.މ ކޮމެޓީއާއެކު  ބޭއްވޭ ބައްދަލުވުމުގައި ހިއްސާކުރުމުގެ އިތުރުން ކަމާގުޅޭ އިދާރީ މުވައްޒަފަށް އެކަންކުރާނެގޮތުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދެ ޓީމަކަށް ބަހާލައިގެން ކުރިޔަށްގެންދެވޭ މިދަތުރުގައި ޓީމެއްގައި އިދާރީ 4 މުވައްޒަފުންގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމު އާއި، ސީނިޔަރ ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޙަމީދު ދަތުރުތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.