އެލް.އާރު އޭގެ ޔުނިޓެއް ށ.އަތޮޅުކައުންސިލުގައި ހުޅުވައިފި


ލޭބަރ ރިލޭޝަން އޮތޯރިޓީ (އެލް.އާރު.އޭ)ގެ ށ.އަތޮޅު ޔުނިޓް އިއްޔެ ހެނދުނު ހުޅުވައިދެއްވައިފިއެވެ.

އެކަމަށްޓަކައި އިއްޔެ ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި ޔުނިޓް ހުޅުއްވައިދެއްވީ ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ.  މި ރަސްމިއްޔާތުގައި އެ އޮތޯރިޓީގެ ޕްރޮގްރާމް އޮފިސަރ އިސްމާޢީލް ސާމީ ޢަލީ ދެއްކެވި ވާހަކައިގައި ށ.އަތޮޅުގައި ހުޅުވިގެން މިދާ އެލް.އާރު.އޭގެ ޔުނިޓަކީ އަތޮޅުތެރޭގައި ފުރަތަމަ ޤާއިމުކުރެވުނު ޔުނިޓްކަމަށާއި، މި ޔުނިޓުގެ މުވައްޒަފުން އެހެން އަތޮޅުތަކަށް ނަމޫނާއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ށ.އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި މުވައްޒަފުން ގަޑިއަށް ޙާޟިރުވުމާއި، މަސައްކަތު ގަޑީގައި ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި، މުވައްޒަފުންގެ މެދުގައި ތަފާތުކުރުމެއްނެތި އެލް.އާރު.އޭގެ މުވައްޒަފުންނަށް ވެސް އަތޮޅުކައުންސިލުގައި ހުންނަ ޚިދުމަތްތައް ލިބެމުންދާނެ ކަމަށް ވިދާޅުވިއެވެ.

މި ޔުނިޓުން ދޭނެ ޚިދުމަތްތަކުގެ ތެރޭގައި ވަޒީފާއާ ބެހޭ މައްސަލަތައް ބެލުމާއި، ވަޒީފާ ދޭ ތަންތަން ބެލުމާއި، ކަމާގުޅޭ ޤާނޫނާ ގުޅޭގޮތުން އެވެއަރނަސް ސެޝަންތައް ހިންގުމާއި، ސަރވިސް ޗާޖާ ބެހޭ ޤަވާޢިދާއި، މިނިމަންވޭޖް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޚިދުމަތްތައް މި ޔުނިޓުން މާދަމާ (1 ނޮވެންބަރު 2022) ރަސްމީކޮށް ދިނުމަށް ހަމަޖެހިފައިވާއިރު ކުރިޔަށް އޮތްތަނުގައި މުވައްޒަފުން އިތުރުކޮށް އިކޮނޮމިކް މިނިސްޓްރީގެ ބައެއް ޚިދުމަތްތައް މި ޔުނިޓުން ދެމުންގެންދާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޔުނިޓެއް ށ.އަތޮޅުކައުންސިލް އިދާރާގައި ޤާއިމުކުރުމަކީ މިއަހަރުގެ މެއިމަހުގެ 26 ވަނަ ދުވަހު އެ އޮތޯރިޓީއާއި، ށ.އަތޮޅުކައުންސިލާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްގެން ކުރިޔަށްގެންދެވޭ ޕްރޮގްރާމަކަށްވާއިރު، މި ޔުނިޓު އަތޮޅު ތެރޭގައި ޤާއިމުކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން އެލް.އާރު.އޭގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެގޮތްތައް ފަހިކޮށްދިނުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.