މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެހީތެރިކަމާއެކު ށ.އަތޮޅުކައުންސިލުން މިއަހަރަށް ތާވަލުކޮށްގެން ކުރިޔަށްގެންދާ ޓޫރިޒަމް 50 މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022 ފުޓްސަލް މުބާރާތުގެ ތަށި ފުނަދޫ ފުޓްސަލް ޓީމުން އުފުލާލައިފިއެވެ.
އިއްޔެ ހަވީރު ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މެޗުގައި ފުނަދޫ ޓީމުން ނަރުދޫ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދާފައިވަނީ 4-0 ގެ ބޮޑު ތަފާތަކުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖަރޒީ ނަންބަރު 8 އިބްރާހީމް އައިސަމް ކާމިޔާބު ކޮށްދިންއިރު އެހާފުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ވެސް އިބްރާހީމް އައިސަމްއެވެ. ދެވަނަ ހާފުގައި 3ވަނަ ލަނޑު އެ ޓީމުގެ ޖަރޒީ ނަންބަރު 4 ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައިވާއިރު 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވެސް ވަނީ ޖަރޒީ ނަންބަރު 8 އިބްރާހީމް އައިސަމްއެވެ.
ފުނަދޫ ޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ ފުރަތަމަ ބުރުގައި އެއްވެސް މެޗަކުން ބަލިނުވެ ޕޮއިންޓް ތާވަލުން އެންމެމަތިން ކާމިޔާބުކުރުމަށްފަހު ސެމީ ފައިނަލުގައި ކަނޑިތީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނަރުދޫ ޓީމު ފައިނަލާ ހިސާބަށް އައިސްފައިވަނީ ފުރަތަމަ ބުރުން ބީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގައި ވާދަކޮށް ދެ ވަނަ ބުރުގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށް ސެމީ ފައިނަލުގައި މިލަންދޫ ޓީމާ ބައްދަލުކޮށް މިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފުނަދޫ ޓީމަށް 3 ލަނޑުޖަހައި ހެޑްރިކެއް ހެދި އެ ޓީމުގެ ޖަރޒީ ނަންބަރު 8 އިބްރާހީމް އައިސަމްއެވެ. ފައިނަލް މެޗުގެ މެއިން އޮފް ދަ މެޗްގެ ޓްރޮފީ ހަވާލުކޮށްދެއްވީ ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމެވެ.