ފުނަދޫ މުއައްސަސާތަކުގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން އަތޮޅުކައުންސިލް ހޯދައިފި


ށ.ފުނަދޫ އޮފީސްތަކުގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލުގައި މިއަދު ހަވީރު ފުނަދޫ ކައުންސިލާއި، ށ.އަތޮޅުކައުންސިލާ ބައްދަލުކޮށް ބޮޑު ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން އަތޮޅުކައުންސިލުގެ ޓީމުން ހޯދައިފިއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އަތޮޅު ކައުންސިލުން މޮޅުކުޅުމެއް ދައްކައި 18 ލަނޑު ފުނަދޫ ކައުންސިލު ގޯލަށް ޖަހާފައިވާއިރު  އެ ހާފުގައި ފުނަދޫ ކައުންސިލުގެ ޓީމަށް ކާމިޔާބުކުރެވިފައިވަނީ  4 ގޯލެވެ. ދެވަނަ ހާފުގައި ފުނަދޫ ކައުންސިލް ކޮޅަށް  15 ލަނޑު ވަދެފައިވާއިރު ދެވަނަ ހާފުގައި އަތޮޅުކައުންސިލުގެ ގޯލަށް ފުނަދޫކައުންސިލުގެ ޓީމު، 6 ލަނޑު ޖަހާފައިވެއެވެ. މި މެޗުން ފުނަދޫ ކައުންސިލްގެ މައްޗަށް އަތޮޅުކައުންސިލުން ކުރިހޯދާފައިވަނީ 10 ލަނޑު 33 ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

އަތޮޅުހޮސްޕިޓަލާއި، އެފްސީއެސްސީ އާއި، ފުނަދޫ ކައުންސިލާއި، ފުނަދޫ ސްކޫލާއި، އަތޮޅުކައުންސިލް ވާދަކުރި މި މުބާރާތުގައި އަތޮޅުކައުންސިލް އިދާރާގެ ޓީމް ފައިނަލާ ހަމައަށް ދަތުރުކޮށްފައިވަނީ ކުޅުނު 4 މެޗުން މޮޅުވެ، 9 ޕޮއިންޓާއި، ފައިދާ 63 ގޯލާއެކު 1 ވަނައިގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް އަތޮޅުކައުންސިލް ޓީމު ހޮވިފައިވާއިރު މި މުބާރާތުގެ ހުރިހާ މެޗަކުން މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި، މުބާރާތުގެ ގިނަ ގޯލުޖެހި ކުޅުންތެރިޔާގެ މަޤާމާއި، ފައިނަލްމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވެސް  ހޮވިފައިވަނީ އަތޮޅުކައުންސިލް ޓީމުގެ ޖާރޒީ ނަންބަރު 7 ފާޠިމަތު ޝިފާނާ  އެވެ. އޭގެ އިތުރުން މުބާރާތުގެ ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ޖާރޒީ ނަންބަރު 8 އާމިނަތު ރިޝްތާ އާއި، ޖާރޒީނަންބަރު 15 ނަޒްރާ ނަޢީމް ހިމެނިފައިވާއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައިވަނީ އަތޮޅުކައުންސިލް ޓީމުގެ ގޯލްކީޕަރ ތިމާ އިބްރާހީމް އެވެ.

ފުނަދޫގައި ހުރި މުއައްސަސާތަކަށް އަމާޒުކޮށް ފުނަދޫކައުންސިލުން ބޭއްވި މި މުބާރާތަކީ އޮފީސްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ހޭންޑް ބޯލްގެ ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމާއެކު ފުނަދޫ ހޭންޑްބޯލް ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވުނު މުބާރާތެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.