ށ.އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުން ރާވައި ހިންގާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތައް ހިންގުމަށް ޕްރޮޕޯސަލް ހުށަހަޅައި ކާމިޔާބުކުރި ތިން ކްލަބު ޖަމްޢިއްޔާއާއެކު ށ.އަތޮޅުކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އަދު ހެނދުނު 9:38 ގައި ށ.އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ޔުނިޓީ ސްޕޯޓްސް އެކަޑަމީ އާއި، މިލަންދޫ ސްޕޯޓްސްކުލަބާއި، މާއުނގޫދޫ އެސޯސިއޭޝަން ފޮރ އައިލެންޑް ޑިވެލޮޕްމަންޓާއެކުގައެވެ. ކުލަބު ޖަމިއްޔާތަކާއެކު ވެވުނު އެއްބަސްވުމުގައި ށ.އަތޮޅުކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. ޔުނިޓީ ސްޕޯޓް އެކަޑަމީ އާއެކު ވެވުނު އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ އަލްފާޟިލް މޫސާ އާދަމެވެ. މިލަންދޫ ސްޕޯޓްސް ކުލަބާއެކު ކުރެވުނު އެގްރިމެންޓުގައި އެ ކުލަބުގެ ފަރާތުން ކުލަބުގެ ރައީސް އަލްފާޟިލް ޢަލީ ސަޢީދު ސޮއިކުރައްވާފައިވާއިރު މާއުނގޫދޫ އެސޯސިއޭޝަން ފޮރ އައިލެންޑް ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ މުއައްސިސް އަލްފާޟިލް މަސްޢޫދު މުޙައްމަދެވެ.
ށ.އަތޮޅުކައުންސިލްގެ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގެ ދަށުން ޔުނިޓީ ސްޕޯޓްސް އެކަޑަމީން ފުނަދޫ ސްކޫލުގައި ރީޑިންގ ޕާކެއް ތަރައްޤީކުރެވޭއިރު، މާއުނގޫދޫ އެސޯސިއޭޝަން ފޮރ އައިލެންޑް ޑިވެލޮޕްމަންޓުން އެ ރަށުގައި މަދިރި ހިފާ މެޝިންތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިލަންދޫ ސްޕޯޓްސް ކުލަބުން ހޭންޑްބޯލް ޓްރޭނިންގ، ކޯޗިން އަދި ރެފްރީ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅައި ކުލަބު ޖަމްޢިއްޔާތަކާ ގުޅިގެން ކުރިޔަށްގެންދެވޭ މި ޕްރޮގްރާމުގެ ނަތީޖާއަށް ބަލައި ކައުންސިލްގެ ކުރިޔަށް އޮތް އަހަރުތަކުގައި ވެސް މި ޕްރޮގްރާމު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ޕްރޮގްރާމަށް މިފަހަރު ހުށަހަޅާފައިވަނީ 5 ޖަމްޢިއްޔާއިން 6 ޕްރޮޕޯސަލް ކަމަށާއި، ކުރިޔަށް އޮތްތަނުގައި މިއަށްވުރެ ބޮޑަށް ކުލަބު ޖަމްޢިއްޔާތަކުގެ ބައިވެރިވުން ލިބޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.