ށ.އަތޮޅުގެ ރަށުކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ފުނަދޫ ގައި މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ފުނަދޫގައި ކުރިޔަށްދާ މި ބައްދަލުވުމުގައި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ދައުރާއި، އަންހެނުން ބާރުވެރިކުރުމާއި، ކައުންސިލްތަކާއި، އ.ތ.މ ކޮމެޓީތަކާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި، އިދާރީ ގޮތުން ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރާނެ ގޮތްތަކާއި، ބަޖެޓާއި، ވޯކްޕްލޭން ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން އަންހެނުން އިސްސަފުގައި މަސައްކަތްކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ އެލް.ޖީ.އޭގެ ސީ.އީ.އޯ ފާޠިމަތު އަފްޝަން ލަޠީފާއި، އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސަމްޢޫން އާދަމާއި، އެލް.ޖީ.އޭގެ މުޙައްމަދު ޝާފިޢުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭގެ އިތުރުން ނ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޞީރު ސެޝަނެއް ނަންގަވައިދެއްވާނެ ކަމަށް މަޢުލޫމާތު ދެއްވައެވެ.
އަތޮޅުވެހި 2 ގެ ކޮންފަރެންސް ހޯލުގައި ކުރިޔަށް ދާ މި ބައްދަލުވުމުގައި ށ.އަތޮޅު ރަށްރަށުގެ ރަށުކައުންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއެކު ޖުމުލަ 39 ފަރާތަކުން ބައިވެރިވެފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރަށުކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ ހިންގުން ހަރުދަނާކޮށް، ލާމަރުކަޒީ ޤާނޫނާއި، އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް ކައުންސިލުތަކާއި، އެ ކޮމެޓީތަކުގައި އިސްކޮށް މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުވުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.