ފުރަތަމަ ބުރުގެ ކޮމްޕިއުޓަރ ސިސްޓަމްތައް އ.ތ.މ ކޮމެޓީތަކަށް ދޫކޮށްފި


ށ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ށ.އަތޮޅުކައުންސިލުން ރާވައިގެން ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ކޮމްޕިއުޓަރ ސިސްޓަމްތައް ދޫކޮށްފިއެވެ.

ސްޕޮންސަރުންގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ކޮމްޕިއުޓަރ ސިސްޓަމް ދޫކޮށްފައިވަނީ ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިދާރީ ޙާލަތަށް ބަލައި، އަދި ކޮމެޓީތަކުގެ ހިންގުމުގެ ޕާފޯމަންސަށް ބަލައިގެންނެވެ. މި ބުރުގައި ކޮމްޕިއުޓަރ ސިސްޓަމް ދޫކުރެވިފައިވަނީ ށ. ނޫމަރާ، ފޭދޫ، މާއުނގޫދޫ، ގޮއިދޫ، ނަރުދޫ، ފީވައް، ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށެވެ.

މި ޕްރޮގްރާމުގެ ދަށުން ކޮމްޕިއުޓަރ ސިސްޓަމް ދޫނުކުރެވިވާ ރަށްރަށަށް ސިސްޓަމްތައް ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި ދެވޭގޮތް ނުވެއްޖެނަމަ އަންނަ އަހަރުގެ ބަޖެޓްގައި ހިމައިގެން ކުރިޔަށްގެންދަވާނެ ކަމަށް ށ.އަތޮޅުކައުންސިލުން މަޢުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި 7 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަމަށާއި، އަންހެނުންގެ ތަރައްޤީއަށާއި، ކުރިއެރުމަށް ފެނަކަ ކޯޕަރޭޝަނުން ވެދެއްވަމުންގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށް ށ.އަތޮޅުކައުންސިލުން ހާމަކުރައްވައެވެ.