ސްކޫލުތަކުގެ އިތުރުޙަރަކާތްތައް ހިންގުމުގެ ފަހުމުނާމާގައި ސޮއިކޮށްފި


ށ.އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެ މި އަހަރު ހިންގޭ ށ.އަތޮޅު ރަށްރަށުގެ ސްކޫލުތަކުގެ އިތުރު ޙަރަކާތްތަކުގެ ގޮތުގައި ޕްރޮގްރާމުތައް ހިންގުމުގެ ފަހުމުނާމާގައި ސްކޫލުތަކާއެކު އަތޮޅުކައުންސިލުން ސޮއިކޮށްފިއެވެ.

އިއްޔެ ހެނދުނު 8:45 އިން 9:15 އަށް ށ.އަތޮޅުކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ކުރިޔަށްގެންދެވުނު ރަސްމިއްޔާތުގައި ށ.އަތޮޅު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. އަތޮޅު މަދަރުސާ އާއި ބިލެތްފަހީ، ގޮއިދޫ، ފޭދޫ، ޅައިމަގު ސްކޫލު ފިޔަވައި އެހެން ރަށްރަށުގެ ސްކޫލުތަކުގެ ފަރާތުން ޕްރިންސިޕަލުން ފަހުމުނާމާގައި ސޮއިކުރައްވާފައިވާއިރު އެ 5 ރަށުން ސޮއިކުރައްވާފައިވަނީ ޓީޗަރުންނެވެ.

ސްކޫލުތަކުގެ އިތުރު ޙަރަކާތުގެ ގޮތުގައި މިއަހަރު ހިންގުމަށް ސްކޫލުތަކުން ޕްރަޕޯސަލް ހުށަހަޅުއްވާފައިވާ ޕްރޮގްރާމުތައް ހިންގުމަށް    255,000.00 ރުފިޔާ އަތޮޅުކައުންސިލުގެ ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.  މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ސްކޫލުތަކާއެކު ފަހުމުނާމާގައި ސޮއިކުރެވިފައިވާ ޙަރަކާތްތައް 2022 ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން ނިންމަންޖެހޭނެ ކަމަށް ވެސް އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވައެވެ.