ޕްރިންސިޕަލުންގެ ފޯރަމް ބާއްވައިފި


ށ.އަތޮޅު ކައުންސިލުގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިގެން ކުރިޔަށްގެންދެވުނު ށ.އަތޮޅު ސްކޫލުތަކުގެ ޕްރިންސްޕަލުންގެ ފޯރަމް 2022، ބާއްވައިފިއެވެ.

އިއްޔެ ހެނދުނު 9:15 އިން 16:30 އަށް ފުނަދޫ އަތޮޅުވެހި ކޮންފަރެންސް ހޯލުގައި ކުރިޔަށްގެންދެވުނު މި ފޯރަމްގައި 14 ރަށުން  ބައިވެރިވެފައިވެއެވެ.

އަތޮޅުގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް އެފަރާތްތަކުގެ ތަޖުރިބާއާއި ޚިޔާލުތަކާއި، ގޮންޖެހުންތަކާއި ހައްލުތަކާ ބެހޭގޮތުން އެއް މޭޒުގައި ބައްދަލުވެވި މަޝްވަރާކުރެވޭނެ މަގުފަހިކޮށްދީ ސުކޫލުތަކުގެ ހިންގުން ހަރުދަނާކޮށް އަތޮޅު ފެންވަރުގައި އެއް އަމާޒަކަށް ސްކޫލްތަކުގެ މަސައްކަތް ބައްޓަންކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވުނު މި ފޯރަމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ސްކޫލުތަކުން ކާމިޔާބުކަމާއިއެކު ހިންގާ ޙަރަކާތްތަކާއި، ރަނގަޅަށް ކުރެވޭ ކަންކަމާއި ތަޖުރިބާ ހިއްސާކުރުމާއި، އަތޮޅުގެ ނަތީޖާ ރަނގަޅު ސްކޫލުތަކުން ނަތީޖާ ނެރުމަށް ކުރެވޭ މަސައްކަތްތަކާއި ތަޖުރިބާ އެހެން ސްކޫލުތަކަށް ހިއްސާކުރުމާއި، ސްކޫލުތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންނާއި، އެއް ސުކޫލަކުން އަނެން ސުކޫލަށް އެހީތެރިކަން ފޯރުކޮށްދެއްވެން ހުރި ދާއިރާތަކާއި، ގޮތްތަކާއިބެހޭ ގޮތުންނާއި، ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ސުކޫލުތަކުން އެއްގޮތްކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ކުރިއަށް އޮތް 3 އަހަރުދުވަހަށް ސްކޫލުތަކުގެ ލެވެލްގަޔާއި، އަތޮޅު ލެވެލްގައި ހާޞިލުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި، އަތޮޅު ކައުންސިލުން ސްކޫލުތަކަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާ  ގުޅޭގޮތުން މަޝްވަރާކުރުމާއި، ސުކޫލުތަކާއި ކައުންސިލްތަކާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ފޯރަމަކީ ށ. އަތޮޅުގެ ސްކޫލުތަކުގެ ވެރިންގެ ޚިޔާލާ މަޝްވަރާގެ މަތީން އަތޮޅު ކައުންސިލުގެ 5 އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭންގައި ހިމެނިގެން ކުރިޔަށްގެންދެވުނު ފޯރަމެކެވެ.