ހޭންޑްބޯލް ކޯޗިންގ ކޭމްޕް ފަށައިފި


ށ.އަތޮޅުކައުންސިލުގެ މިއަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިޔަށްގެންދެވޭ ހޭންޑްބޯލް ކޯޗިންގ ކޭމްޕް މިއަދު ހަވީރު ފަށައިފިއެވެ.

މި މަހުގެ 6 އިން 13 އަށް ކުރިޔަށްގެންދެވޭ މިޕްރޮގްރާމުގައި ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، މަރޮށި، ޅައިމަގު، މާއުނގޫދޫ، ފުނަދޫން ޖުމުލަ 24 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ށ.އަތޮޅުގައި ހޭންޑްބޯލް ކުރިއެރުވުމާއި، އަތޮޅުގެ ކޮންމެ ރަށެއްގައި ތަމްރީނުވެފައިތިބި ދެ ހޭންޑްބޯލް ކޯޗުން އުފެއްދުމުގެ މަޤްޞަދުގައި ހިންގޭ މި ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވެލައްވަނީ ހޭންޑްބޯލް މޯލްޑިވްސްގެ ކޯޗް މުޙައްމަދު ޢަރީޝްގެ އިތުރުން ހޭންޑްބޯލް ކޯޗުން ކަމުގައިވާ މުޙައްމަދު ލައްމާހް އިބްރާހީމާއި، އިބްރާހީމް ހައިޝަމް ޢަބްދުﷲ އެވެ.

އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ގުޅިގެން ހިންގޭ މި ޕްރޮގްރާމުގެ ހިންގުމުގެ ޚަރަދުގެ އިތުރުން ބައިވެރިންގެ ދަތުރު ޚަރަދާއި، ފުޑާއި، އެކަމަޑޭޝަންގެ ޚަރަދަށް  ޖުމުލަ  -/150،000   ރުފިޔާ ޕްރޮގްރާމުގެ ބަޖެޓުގެ ތެރެއިން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ށ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް މި އަދު މެންދުރުފަހު މި ޕްރޮގްރާމުގެ ބައިވެރިންނާ ބައްދަލުކުރައްވައި ޕްރޮގްރާމު ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި، ޕްރޮގްރާމުގެ މަޤްޞަދާއި، މިއަހަރުގެ ބަޖެޓުގައި ޕްރޮގްރާމު ހިމެނިގެން އައި ގޮތް ހިއްސާކުރައްވައި ޕްރޮގްރާމު ކުރިޔަށްދާއިރު ދިމާވާ ދަތިކަންކަން ހިއްސާކުރަމުންގެންދިއުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ޕްރޮގްރާމު ކުރިޔަށްގެންދިއުމުގައި ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ފަރާތުން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.