ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި


ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި، މޯލްޑިސް ޕޮލިސް ސަރވިސް އާއި، ށ.އަތޮޅުކައުންސިލާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

ށ.އަތޮޅުގެ ބައެއް ރަށްރަށަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގްރާމުގެ ދަށުން އިއްޔެ މާއުނގޫދޫގައި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މައިން ބަފައިންނަށް އަމާޒުކޮށް ހިންގާފައިވެއެވެ. އަދި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންގޮސްފައިވާއިރު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމާއި، ކުދިންގެ ޙައްގުތަކާއި، ޒިންމާތަކަށް އަހުލުވެރިކުރުމަށް ޖުވެނައިލް ޖަސްޓިސްގެ ފަރާތުން އެ ދަރިވަރުންނަށް ސެޝަނެއް ނަގައިދީފައިވެއެވެ. އޭގެ އިތުރުން ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން މުދައްރިސުންނާއި، ޕޮލިހުންނަށް އަމާޒުކޮށް ހިންގާފައިވެއެވެ.

މި މަހުގެ 11 އިން 18 އަށްކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި މިއަދު ފޭދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ފުނަދޫ އާއި، ޅައިމަގު، ކޮމަންޑޫ، މިލަންދޫ، ފީވަކުގައި މި ޕްރޮގްރާމު ކުރިޔަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.