ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރިން) ށ.އަތޮޅުގައި އިފްތިތާޙުކޮށްދެއްވައިފިއެވެ.
މިއަދު 11:00 ގައި ށ.އަތޮޅުވެހީގެ ކޮންފަރެންސް ހޯލުގައި ބޭއްވުނު ރަސްމިއްޔާތުގައި އިބަމަ އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއެވެ. ކީރިތި ޤުރުއާންގެ ބަރަކާތުން ރަސްމިއްޔާތު ފައްޓަވައިދެއްވީ ފުނަދޫ ސްކޫލުގެ ދަރިވަރު އާމިނަތު ނިހާއެވެ.
މި ރަސްމިއްޔާތުގައި 2022 މާރިޗު 20 އިން 23 އަށް ކުރިޔަށް ގެންދެވުނު އިބަމަ އިނީޝިއަލް ޓްރޭޓިންގ ޕްރޮގްރާމު ފުރިހަމަކުރެއްވި ފަރާތްތަކުގެ ސެޓްފިކެޓްތައް ޙަވާލުކޮށްދެއްވީ މިނިސްޓްރ އޮފް ޖެންޑަރ، ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީއެވެ. އިބަމަގެ އޮރިއެންޓޭޝަން ސެޝަން ހުށަހަޅުއްވައިދެއްވީ އިބަމަ ކޮންސަލްޓެންޓް ފާޠިމަތު ސެހެޒިނީއެވެ. އިބަމަ މެންބަރުންގެ ފަރާތުން ވާހަކަދެއްކެވީ އިބަމަ މެންބަރު އަޙްމަދު ސުނީލްއެވެ. ޝުކުރު ދެއްނެވުމުގޮތުން ސްޓޭޓް މިނިސްޓަރ އަލްފާޟިލާ އިފްހާމް ޙުސައިން ވާހަކަފުޅުދެއްކެވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ކަމެއްކުރަން އަޅުގަނޑުމެން ބޭނުންވަންޏާ އަޅުގަނޑުމެންނަށް ވަރަށްގިނަ ބޮޑެތި ރާޅުތަކާއި، ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކާ ކުރިމަތިވާނެ ކަމަށާއި އަޅުގަނޑުމެންނަށް އެކަންކަން ކަޑައްތުކުރެވޭނެ ކަމަށާއި، ކަޑައްތުކޮށްފައި ގޮސް އަޅުގަނޑުމެންނަށް އެކަން އެ ފެންވަރުގައި ކުރެވޭނެ ކަމަށެވެ. އަދި އެހިސާބަށް އަޅުގަނޑުމެން ދިއުމަކީ އަމިއްލަ ކަމެއްކަމަށާއި، މިއީ އިބަމަ މެންބަރުންނަށް މިއަދު ދަންނަވާލަން އޮތް މެސެޖުކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަން ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ އާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްޙާމް ޙުސައިންގެ އިތުރުން ށ.އަތޮޅު ކައުންސިލްގެ ރައީސާއި، ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ފުނަދޫގައި ހުރި މުއައްސަސާތަކުގެ ވެރިންނާއި، އިބަމަގެ ބައެއް މެންބަރުން ބައިވެރިވެލެއްވިއެވެ.