މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯސަލް ސަރވިސް އާއި، ށ.އަތޮޅުކައުންސިލާއި، ށ.ފުނަދޫ އެފް.ސީ.އެސް.ސީ އާއި، ރަށުކައުންސިލްތަކާ ގުޅިގެން މި މަހުގެ 20 އިން 21 އަށް ފުނަދޫގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ އިބަމަ އިނީޝަން ޓްރޭނިންގ ޕްރޮގްރާމުގެ 14ވަނަ ވޯކްޝޮޕް މިއަދު ފަށައިފިއެވެ.
މިއަދު 9:00 ގައި ށ.އަތޮޅުވެހީގެ ކޮންފަރެންސް ހޯލުގައި ފެށިގެން ކުރިޔަށްދާ މި ވޯކްޝޮޕްގައި ށ.އަތޮޅުގެ އިބަމަ މެންބަރުންގެ ތެރެއިން މިއަތޮޅު ފުނަދޫ، ޅައިމަގު، ކޮމަންޑޫ، މާއުނގޫދޫން 35 މެންބަރުން ބައިވެރިވެފައިވެއެވެ.
އިބަމަ (އިޖްތިމާޢީ ބަދަހި މަދަދުވެރިން) ބިނާކުރުމަށް ކުރިޔަށްގެންދާ މި ޓްރޭނިން ޕްރޮގްރާމުގައި އިބަމަ މެންބަރުންގެ ދައުރާއި، މަސައްކަތްކުރުމުގެ ގޮތްތަކާއި، މަސްޢޫލިއްޔަތުތަކާ އަދި މެންބަރުންގެ ޙައިޞިއްޔަތުން ނުކުރެވޭނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ނާޒުކު ޙާލަތުގައިވާ މީހުން ޢާއިލާތައް ދެނެގަންނާނެ ގޮތާއި، އެ ޢާއިލާތަކާ މުޢާމަލާތްކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ވިޔަނުދިނުމުގެ ފިޔަވަޅު ނާޅައި ދޫކޮށްލައިފިނަމަ ވެދާނެ ގޮތްތަކާއި، އިޖްތިމާޢީ ގޮތުން ދުޅަހެޔޮ ރަށްރަށުގައި ހުންނާނެ ސިފަތައް އަންގައިދިނުމުގެ އިތުރުން މުޖުތަމަޢުގައި ހިނގާ ނިކަމެތި ޙާލަތްތަކާ ގުޅޭ ކަންތައްތައް އިބަމައަށް އިނގޭނެ ނިޒާމެއް ޤާއިމުކުރުމާއި، ރަށްރަށުގައި އިބަމަ ޕްރޮގްރާމު ކުރިޔަށްގެންދާނެ ގޮތްތަކާއި، ރިޕޯޓްކުރާނެ ގޮތްތަކަށް މެންބަރުން ތަމްރީނުކުރުން ހިމެނިފައިވެއެވެ.
ށ.އަތޮޅުގެ ހުރިހާ ރަށެއްގައި އިބަމަ ވިއުގަ ޤާއިމުކުރުމަށްޓަކައި ކުރިޔަށްގެންދެވޭ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން އިތުރު ދެ ވޯކްޝޮޕެއް މި މަހުގެ 24 އާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ށ.އަތޮޅުކައުންސިލުން މަޢުލޫމާތު ދެއްވައެވެ.