ށ.އަތޮޅު ކައުންސިލުގެ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ޕްރޮގްރާމުތަކާއި، ފަސްއަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާ ބެހޭ މަޢުލޫމާތު އަތޮޅުތެރޭގެ ދައުލަތުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބު ޖަމްޢިއްޔާތަކާ ހިއްސާކުރުމަށް މާދަމާ އަތޮޅުތެރެއަށް ފުރާގޮތަށް ހަމަޖެހިއްޖެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުގައި އަތޮޅު ކައުންސިލުގެ މެންބަރުންގެ އިތުރުން އެ ކައުންސިލުގެ އިދާރީ ދެ މުވައްޒަފުން ހިމެނިފައިވާއިރު މި ދަތުރުގައި ރަށްރަށުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބު ޖަމްޢިއްޔާތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުން ހިމެނިފައިވެއެވެ.
މާދަމާ ހެނދުނު 8 ޖަހާއިރު ރަށްރަށުގެ ރަށުކައުންސިލުތަކުގެ ރައީސުން ފުނަދުއަށް ވަޑައިގެން ފެށުމަށް ހަމަޖެހިފައިވާ މި ދަތުރުގައި، ފުނަދު އާއި، ޅައިމަގާއި، މާއުނގޫދުއާއި، ކޮމަންޑޫއަށް ވަޑައިގެން އެރަށްރަށުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބު ޖަމްޢިއްޔާތަކާއި، ބައްދަލުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ޖެހިގެން އަންނަ ދުވަހު މަރޮށްޓާއި، ފޭދުއާއި، ބިލެތްފައްސާއި، ގޮއިދޫ އާއި، ކަނޑިތީމުގައި ބައްދަލުވުންތައް އިންތިޒާމުކުރެވިފައިވާއިރު، މިމަހުގެ 9ވަނަ ދުވަހު ނޫމަރާ، ފޯކައިދޫ، ފީވައް، މިލަންދުއާއި، ނަރުދުއަށް ޒިޔާރަތްކުރާގޮތަށް ދަތުރުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.