ށ.އަތޮޅު ކައުންސިލުގެ އެސް.ޖީ މަޤާމަށް ބޭފުަޅަކު ހަމަޖެއްސުމާގުޅޭ ޤަރާރު -2021/02


ޤަރާރު

ނަންބަރު:  227(Q)-2021/02

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 126 ވަނަ މާއްދާގައި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަނުކުރަންވާނީ ކައުންސިލްގެ “ލަފަޔާއެކު” ކަމަށް ބަޔާން ކޮށްފައި އޮތްއޮތުން ކައުންސިލުން މާނަ ކުރަނީ “ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވަންވާނީ ކައުންސިލްގެ މެޖޯރިޓީ ރުހުން އޮތް މީހަކު” މިގޮތަށްކަމަށް ވާތީ އާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ނަންބަރު 2007/5 ގެ 2-59 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުން ވެސް އަހުރެންނަށް މާނަ ކުރެވެނީ ކައުންސިލްގެ މެޖޯރިޓީ ރުހުން ނެތް މީހަކަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ނުހުރެވޭނެ ކަމަށްވާތީ އާއި، އަދި  ކައުންސިލްގެ މެޖޯރިޓީ ރުހުން ނެތް މީހަކު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނަވާއިފިނަމަ ކައުންސިލުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، ޤާނޫނުތަކުން ލާޒިމުކުރާ ޚިދުމަތްތައް ދިނުމަށާއި، އަދި މިނޫނަސް އަތޮޅުގެ ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމަށް ނުހަނު ބޮޑަށް ދަތިވާނެކަމަށް ކައުންސިލަށް ފެންނާތީ މި ޤަރާރު ހުށަހަޅަމެވެ.

މިލަދުންމަޑުލު އުތުރުބުރީއަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ނެގުމަށް ހިންގަވާ މަރުޙަލާތަކުގެ ތެރެއިން ސިވިލްސަރވިސް ކޮމިޝަންގެ ނަމްބަރު 188-POD/227/2021/6 (26 އޮކްޓޯބަރ 2021) ސިޓީން ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހަމަޖެއްސުމަށް ލަފާހޯދުމަށް ފޮނުވުމުން ށ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ސިވިލްސަރވިސް ކޮމިޝަނުން ލަފާހޯދުމަށް އެދިފައިވާ ފަރާތް ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމަށް ނުފެންނަ ކަމަށް މި ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން 10 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށް ސިވިލްސަރވިސް ކޮމިޝަނަށް ފޮނުވާފައިވަނިކޮން، ސިވިލްސަރވިސް ކޮމިޝަންގެ ނަމްބަރު 188-POD/227/2021/9 (22 ޑިސެމްބަރ 2021) ސިޓީން ކައުންސިލުގެ ނިއްމުމަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 126 ވަނަ މާއްދާގެ މަޙްފޫމަށް ރިޢާޔަތްކުރުމެއްނެތި، ސިޓީގައި ޢާއްމު ސިވިލްސަރވިސް މުވައްޒިފަކު ނެގުމަށް ގެންގުޅުއްވާ އިޖުރާޢަތްތަކަށް ހަވާލާދެއްވާ، ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އަންގަވާފައިވީ ހިނދު ކައުންސިލުން ހުށަހަޅަނީ ށ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަޖަލްސާއިން ނިއްމާފައިވާ ގޮތަށް ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ނެގުމުގެ މަސައްކަތް އަލުން އިޢުލާންކުރައްވައިގެން ކުރިއަށް ގެސްގޮސްދެއްވުމަށް ސިވިލްސަރވިސް ކޮމިޝަންގައި ދެންނެވުމަށާއި، އަދި އެގޮތަށް ސިވިލްސަރވިސް ކޮމިޝަނުން ނުގެންދަވައިފި ނަމަ ދިވެހިރާއްޖޭގެ ޝަރުޢީ މަރުޙަލާއަކުން ނިއްމާގޮތަކަށް ނޫނީ މިހާރު ސިވިލްސަރވިސް ކޮމިޝަނުން  ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަނު ކުރެއްވުމަށް މަސައްކަތްކުރައްވާ ފަރާތާއި އެމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ޒިއްމާ ށ. އަތޮޅު ކައުންސިލުން ޙަވާލު ނުކުރުމަށެވެ.

މަތީގައިވާ ގޮތުގެމަތިން ށ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ނެގުމުގެ މަސަތްކަތްތަށް ގެންދިއުމަށާއި، މަސްޢޫލިއްޔަތު ޙަވާލުކުރުމަށް ފާސްކޮށްދެއްވުން އެދި މިޤަރާރު ހުށަހަޅަމެވެ.

19 ޖުމާދަލްޢޫލާ  1443

23 ޑިސެންބަރު  2021