ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގައި ބައިވެރިކުރާ ށ.އަތޮޅުގެ ޓީމެއް ނެގުމަށް ބޭއްވޭ އޮޑިޝަން މި އޮކްޓޫބަރު މަހުގެ 22 ން 23ށް ބާއްވައިފިއެވެ.
ށ.އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖް (Secretariat of the North Miladhunmadulu Atoll Council) ގައި ލައިވްކޮށްގެން އޮންލައިންކޮށް ކުރިޔަށްގެންދެވުނު މި އޮޑިޝަންގައި 11 ރަށަކުން 165 ދަރިވަރުން ބައިވެރިވެ ކިޔަވާފައިވެއެވެ. އޭގެ ތެރޭގައި 6 އަހަރުން ދަށުގެ ޢުމުރުފުރާއިން 25 ދަރިވަރުނުންނާއި، 9 އަހަރުން ދަށުގެ 42 ދަރިވަރުންނާއި، 12 އަހަރުން ދަށުގެ 41 ދަރިވަރުންނާއި، 15 އަހަރުންދަށުގެ 35 ދަރިވަރުން ހިމެނޭއިރު، 18 އަހަރުން ދަށުގެ 19 ދަރިވަރުންނާއި، 18 ން މަތީގެ ޢުމުރުފުރާއިން 3 ދަރިވަރުން ހިމެނެއެވެ.
ދެ ގޮތްޕަކަށް ބަހާލައިގެން ކުރިޔަށްގެންދެވުނު މި އޮޑިޝަންގައި 11 ރަށަކުން ބައިވެރިވެފައިވާއިރު، ށ.އަތޮޅު މަދަރުސާއިން 22 ދަރިވަރުންނާއި، ގޮއިދޫ ސްކޫލުން 19 ދަރިވަރުންނާއި، ފޭދޫ ސްކޫލުން 15 ދަރިވަރުންނާއި، ފީވަކު ސްކޫލުން 13 ދަރިވަރުން ބައިވެރިވެފައިވާއިރު، ބިލެތްފަހީ ސްކޫލުންނާއި، ފޯކައިދޫ ސްކޫލުން ކޮންމެ ރަށަކުން 19 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން އަލްމަދަރުސަތުލްމުނައްވަރާއިން 8 ދަރިވަރުންނާއި، ޅައިމަގު ސްކޫލުން 5 ދަރިވަރުންނާއި، ށ.އަތޮޅު ތަޢުލީމީ މަރުކަޒުން 9 ދަރިވަރުންނާއި، ފުނަދޫ ސްކޫލުން 13 ދަރިވަރުންނާއި، މިލަންދޫ ސްކޫލުން 23 ދަރިވަރުން މި އޮޑިޝަންގައި ބައިވެރިވެ ވާދަކޮށްފައިވެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގެ ށ.އަތޮޅު އޮޑިޝަންގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ އަލްޤާރީ މުޙައްމަދު ވަޙީދާއި، އަލްޤާރީ މުޙައްމަދު ތަޢުފީޤާއި، އަލްޤާރީ އަލާ ދީދީއެވެ.
މި އޮޑިޝަން ބޭއްވުމުގެ މަޤްޞަދަކީ، ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ށ.އަތޮޅު ތަމްސީލުކުރާނެ ޓީމެއް އެކުލަވާލުމާއި، އަތޮޅުރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބި ޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތް ކުރުމާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމާއި، ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި، ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި އަތޮޅު ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ޤާރީންނާއި، ޙާފިޡުން އުފެއްދުމަށް ބާރުއެޅުމާއި، ހިތްވަރުދިނުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްޘީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުން ކަމަށް ށ.އަތޮޅުކައުންސިލުން ޢާއްމުކޮށްފައިވާ އުޞޫލުގައި ވެއެވެ.