ރަށުކައުންސިލްތަކުގެ މިއަހަރުގެ މޮނިޓަރިންގ ފަށައިފި


ރަށުކައުންސިލްތަކުގެ މިއަހަރުގެ މޮނިޓަރިންގ ފަށައިފި

މަސައްކަތު ތާވަލުގައި ހިމެނިގެން ކޮންމެ އަހަރަކު އެއްފަހަރު ކުރިޔަށްގެންދާ ށ.އަތޮޅު ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރކުރުމުގެ މަސައްކަތް 2021 އޮކްޓޫބަރ16ވަނަ ދުވަހު ފަށައިފިއެވެ.

ޤާނޫނީގޮތުން  ކައުންސިލްތަކުން ކުރުމަށް ލާޒިމުކުރާ ކަންކަމާއި، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން އެ ދުވަހު ވަނީ ނަރުދޫ، މިލަންދޫ ކައުންސިލް އިދާރާ މޮނިޓަރކުރުމުގެ މަސައްކަތް ނިންމާފައެވެ.

މިއަހަރުގެ މޮނިޓަރިންގ ޝެޑިއުލްގައިވާ ގޮތުން 2021 އޮކްޓޫބަރު 21ވަނަ ދުވަހު ބިލެތްފަހީ، ފޭދުއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު މި މަހުގެ 25 ގައި ފޯކައިދޫ، ފުނަދޫ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަހުގެ 28 ވަނަ ދުވަހު ކަނޑިތީމު، ކޮމަންޑޫ ކައުންސިލް އިދާރާ މޮނިޓަރކުރުމަށް ހަމަޖެހިފައިވާއިރު، މިއަންނަ މަހު 1ވަނަ ދުވަހު ޅައިމަގު މާއުނގޫދޫ، އަދި 4ވަނަ ދުވަހު ކޮމަންޑޫ މަރޮށި، މި މަހުގެ 8 ވަނަ ދުވަހު ނޫމަރާ، ފީވަކު ކައުންސިލް އިދާރާ މޮނިޓަރކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ދެ ޓީމަކަށް ބަހާލައިގެން ކުރިޔަށްގެންދެވޭ މިދަތުރުގައި އިދާރީ 4 މުވައްޒަފުންގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމު އާއި، ސީނިޔަރ ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޙަމީދު ދަތުރުތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.