ދިވެހިރާއްޖޭގެ 78ވަނަ ޤައުމީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ށ.އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.
ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރުމުގެ މަޤުޞަދުގައި ބޭއްވުނު މި ރަސްމިއްޔާތު ކީރިތި ޤުރުއާންގެ ބަރަކާތުން ފަށްޓަވައި ދެއްވީ އަލްޤާރީ އިބްރާހީމް މުޙައްމަދެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ އެންމެހާ ޙާޟިރީން ބައިވެރިވާ ޤައުމީ ސަލާމްކިއުމުންނެވެ.
ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކާ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކުރިޔަށް ގެންދެވުނު މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމުގެ އިތުރުން ފުނަދޫ ކައުންސިލާއި، ފުނަދޫ ސްކޫލާއި، އަތޮޅުހޮސްޕިޓަލާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗާއި، ފުނަދޫ ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންނާއި، މުވައްޒަފުން ށ.އަތޮޅުކައުންސިލް އިދާރާގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ފުނަދޫ ކައުންސިލް އިދާރާ އާއި ށ.ފުނަދޫ އަތޮޅުހޮސްޕިޓަލާއި، ފުނަދޫ ޗިލްޑްރަންސް ސަރވިސް ސެންޓަރާއި، ފުނަދޫ ސްކޫލާއި، ފެނަކަ ކޯޕަރޭޝަނާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗާއި، ފުނަދޫ ޕޮލިސް ސްޓޭޝަންގެ ވެރިންނާއި، މުވައްޒަފުން ބައިވެރިވެފައިވާއިރު ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވެސް ވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ޓީމަށް ސަޕޯޓްކުރުމާއި، ހިތްވަރު ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗުގެ މުވައްޒަފުން ބައިވެރިވެފައިވަނީ ޤައުމީ ޓީމުގެ ޖާރޒީގައެވެ.