މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަސް ރަޖިސްޓްރޭޝަނާއި، އެމްޕްލޯއިމަންޓް ރަޖިސްޓްރޭޝަން އަދި ޖޮބްސެންޓަރ ހެލްޕް ޑެސްކުގެ ޚިދުމަތްތައް 2021 ސެޕްޓެންބަރު 2021 ދުވަހުގެ ރޭ 8:50 ގައި ށ.އަތޮޅުކައުންސިލްގައި ފަށައިފިއެވެ.
މި ޚިދުމަތްތައް ފެށުމުގެ ގޮތުން ށ.އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު ކަމާގުޅޭ އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރުން އޮތެވެ. ށ.އަތޮޅުކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ށ.އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޝިޔާމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލާ ނީޒާ ޢިމާދެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމާގުޅޭ ޚިދުމަތްތަކުގެ ތެރޭގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކުން ނަން ފާސްކުރުމުގެ ޚިދުމަތާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަނެ، އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތުގެ މަޢުލޫމާތު ދިނުމާއި، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން “ބިޒްނަސް ނޭމް” ރަޖިސްޓްރީކުރުމުގެ ޚިދުމަތް ދިނުމާއި، އީފާސް އެކައުންޓް ކްރިއޭޓްކުރުމާއި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ޢާއްމު ރައްޔިތުން ޚިދުމަތަށް އެދޭނެގޮތުގެ މަޢުލޫމާތު ދިނުން ހިމެނެއެވެ. މީގެއިތުރުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ މަޢުލޫމާތަށް އަންނަ ބަދަލު ސިސްޓަމުގައި ރެކޯޑުކުރުމުގެ ޚިދުމަތާއި، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު އަޕްޑޭޓް ފޯމުތައް ބަލައިގަނެ، ސިސްޓަމް އަޕްޑޭޓްކުރުމުގެ ޚިދުމަތްދިނުން ހިމެނެއެވެ.
ޖޮބްސެންޓަރުން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް، ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާ ހޯދާ ގޮތްތައް މަގުފަހިކޮށްދިނުމާއި، ޕޯޓަލްގެ ޒަރީޢާއިން ވަޒީފާ ބޭނުންވާ ފަރާތްތައް ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ރަށުގައި ވަޒީފާ ފޯރުކޮށްދޭ ފަރާތްތަކަށް ދިނުމާއި، ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމުތައް ހެދުމަށް ބޭނުންވާ ފަރާތްތަކުން ޕޯޓަލްގައި ރަޖިސްޓްރީކުރާނެ ގޮތާއި، މިކަމާގުޅޭ އިތުރު ތަފްޞީލުތައް ޕޯޓަލްގެ ރަޒީޢާއިން ހޯދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.