ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އަނބިކަނބަލުން ފަޒުނާ އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުނަދުއަށް ވަޑައިގެންފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ އާއި، ފުނަދޫ އާއި، ފޯކައިދުއަށް ކުރައްވާ މި ޒިޔާރަތުގައި މިއަދު ފުނަދުއަށް ވަޑައިގެން ށ.އަތޮޅު ކައުންސިލާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅު ފެންވަރުގައި ހައްލު ހޯދުމަށް ހުރި މައްސަލަތައް ށ.އަތޮޅު ކައުންސިލްގެ ފަރާތުން ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ. އެއާއެކު އޭގެތެރެއިން އަތޮޅުގައި މިހާރު ސަރުކާރުން ހިންގަވާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ށ. ބިލެތްފަހީ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހާރު ބިޑް ހުށަހަޅާފައިވާ ކަމަށެވެ. އޭގެއިތުރުން ށ.ފުނަދޫ އެއަރޕޯޓްގައި ރޭގަނޑު ދަތުރުފަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށާއި، މިނީ ހޮސްޕިޓަލުތައް ޤާއިމުކުރުމުގެ މަސްރޫޢުގެ ދަށުން ށ.މިލަންދޫގައި މިނީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިކަންކަމުގެ އިތުރުން ވެސް ށ.އަތޮޅުކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރާއި، ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަކީ ތަރައްޤީގެ މަޝްރޫޢުތައް އަތޮޅުގައި އަވަހަށް ހިންގުމަށް މަގުފަހިވާނެ ކަމެއް ކަމަށް ފާހަގަކުރައްވައި، ޚިޔާލު ތަފާތުވި ނަމަވެސް ށ.އަތޮޅުގެ ކުރީގެ ކައުންސިލުން ވެސް ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އެއަށްފަހު ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ށ.އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވާފައެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ އާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ އަލްފާޟިލް ޝިފާޒް ޢަލީ އާއި، ފުނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝާހިދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.